Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 22:10
މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު
މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު
ރާއްޖެއެމްވީ
އިހަވަންދޫ
އިހަވަންދޫގައި މަރާލި މީހާގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި
މަރާލާފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް
ޒަޚަމްތަކާއި އެއްކޮށް ފެނިފައިވަނީ ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު
މައްސަލައިގައި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ

ހުކުރު ދުވަހުގެ ހަވީރު ޒަޚަމްތަކާއި އެއްކޮށް މަރަލާފައި އޮއްވާ ފެނިފައިވާ ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު (އިއްސެ) ،54، ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރު ކުރި މީހާއާ ގުލޭ ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އިއްސެއާ އެކު އައިސްޕްލާންޓްގައި މަސައްކަތްކުރާ ބިދޭސީ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށިންނެވެ.

ފުލުހުން ބުނި ގޮތުގައި ޒަޚަމްތަކަކާއެކު އެ މީހާ މަރާލާފައި އޮތީ އިހަވަންދޫ އައިސްޕްލާންޓް ތެރޭގެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހަވީރު 4:15 ހާއިރު ކަމަށާއި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލާފައި އޮއްވާ ފެނިފައިވާ އިސްމާއިލް އަކީ އިހަވަންދޫ އައިސްޕްލާންޓްގައި މެކޭނިނެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އެތަނާ ހަވާލުވެގެން ހުންނަނީ ވެސް އިސްމާއިލެވެ. އިސްމާއިލްގެ ހަށިގަނޑު ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި އޭނާގެ ހަށިގަނޑަށް އަނިޔާތަކެއް ލިބިފައިވާ އިރު ކަރުގައި އެއްޗެއް އައްސާފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ. އޭނާ މަތިން އެއްޗެސް އެއްޗެއް ނުލައި އޮތް އިރު ތިރިން ލާފައިވާ އެތި ވެސް ވަނީ ކަކުލުން ތިރިއަށް ބޭލިފައެވެ.

އިއްސެ އާއި ބިދޭސީ މީހާގެ އިތުރުން ދެކުނު ރަށަކަށް ނިސްބަތްވާ ޒުވާނަކު އެތަނުގައި ވަޒީފާ އަދާކުރާ އިރު އޭގެ ތެރެއިން އިއްސެ އާއި ބިދޭސީ މީހާ ނިދަނީ އެތަނުގައި ކަމަށް އެ ރަށުން މައުލޫމާތު ދިނެވެ. އަނެއް މީހާ ނިދަނީ އެހެން ގެއެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްސެ މަރާލާފައި އޮއްވާ ފެނުނު ދުވަހުގެ ކުރިން (ބުރާސްފަތި ދުވަހު) ހެނދުނު ބިދޭސީ މީހާ ވަނީ އެ ރަށުން ފިލާފައެވެ. އެ މީހާގެ ފޮޓޯ އާއި ތަފްސީލާ އެކު ފުލުހުންނާއި ކައުންސިލަށް ވެސް ހުށަހަޅާފައިވާއިރު އިއްސެގެ ހަށިގަނޑު ފެނިފައި ވަނީ ބިދޭސީ މީހާ ހޯދަމުން ދަނިކޮށެވެ.

ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ބުރާސްފަތި ދުވަހުގެ ރޭ އިއްސެ ހާރުކާން ތެދުވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ކަމުން އޭނާ މަރާލާފައި ވަނީ އެރޭ ދަންވަރުގެ ފަހުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ހުކުރު ދުވަހު ނުފެންނަ ކަމަށައި ހަށިގަނޑު ފެނުނީ ހަވީރު އެތަނަށް ދިޔަ އޭނާގެ ރައްޓެހިންނަށް ނުފެނިގެން ހޯދަމުން ދަނިކޮށް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، އިސްމާއިލް އުމަރުގެ ހަށިގަނޑު މިހާރު އޮތީ އެރަށުގެ ރައްޔިތުންގެ ސިއްހީމަރުކަޒުގައި ކަމަށެވެ. މުޙައްމަދު ރަޝީދު ވިދާޅުވީ އެހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރިންސިކް ދެޓީމެއް މިހާރު އިހަވަންދޫއަށް ގޮސް އައިސްޕްލާންޓު ހުރި އިމާރާތުގައި ހަރަކާތްތެރި ވަމުންދާއިރު، އައިސްޕްލާންޓު ހުންނަ އިމާރާތް ވަށައިގެން ފުލުހުން ވަނީ ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް