Advertisement
ކ. މާލެ
|
16 ޖޫން 2017 | ހުކުރު 21:34
ހިސާން ހުސައިން
ހިސާން ހުސައިން
ޓްވިޓަރ
ހިސާން ހުސައިން
ސޯޝަލްމީޑިއާގެ ލީގަލްޓީއަކީ ކޮބައިކަމެއް ޤާނޫނުގައި ބުނެފައެއް ނެތް: ހިސާން ހުސައިން
ސޯޝަލް މީޑިއާ އެކައުންޓަކީ ކޮންމެ ރައްޔިތަކު ބޭނުން ކުރަން ލާޒިމް އެއްޗެއް ނޫން
ސޯޝަލް މީޑިއާ މެދުވެރިކޮށް ޗިޓު ފޮނުވުމަކީ ދުނިޔޭގެ ހަމަޖެހޭ ގައުމުތަކުގައި ކަންކަން ކުރާ ގޮތެއް ނޫން

ސޯޝަލް މީޑިއާގެ ލީގަލްޓީއަކީ ކޮބައިކަން ރާއްޖޭގެ ގާނޫނު އަސާސީގައި ބުނެފައިނެތް ކަމަށާއި އެހެން ކަމުން މިފަދަ ހާލަތެއްގައި ސޯޝަލް މިޑިއާގެ ޕްލެޓްފޯމެއް ބޭނުންކޮށްގެން ދައުލަތުގެ މުއައްސަސާއަކަށް ވަކި ވަކި ރައްޔިތުންނަށް ޗިޓުން ހާޒިރުވުމަށް ނޭންގޭނެ ކަމަށް ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ އެކިއެކި ކަންކަމުގައި ފުލުސް އޮފީހަށް ހާޒިރު ކުރަން ބޭނުންވާ މީހުންނަށް ހަވާލުކުރާ ޗިޓް، ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޮނުވޭ ގޮތަށް ފުލުހުންގެ ތަހުގީގަށް އަދި އެ ނޫން ވެސް ބޭނުންތަކަށް މީހުން ހާޒިރު ކުރުމާބެހޭ އުސޫލެއް އެކުލަވާލުމުން އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެޓީވީގެ 60 މިނެޓް ޕްރޮގްރާމުގައި ހިސާން ވިދާޅުވީ ގާނޫނުގައި ރައްޔިތުންގެ މައްޗަށް ކަންކަން ކުރަން އަންގަންޖެހޭގޮތް އޮންނަން ޖެހޭކަމަށެވެ.

"މިސާލަކަށް ގާނޫނުތައް މާނަ ކުރުމުގެ ހަމަތަކުގައި އެބައޮވޭ ލިޔުމެއް ރައްދު ކުރެވޭނެ ގޮތްތައް. އެގޮތުން އަތުން އަތަށް ރައްދުކުރުމާއި އަދި ރެޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ރައްދުކުރުން. އަދި އޭގޭ އިތުރުން ފުލުހުންގެ އާންމު ގަވައިދުގައި އެބައޮވޭ ޗިޓު ރައްދު ކުރަން އަމަލުކުރަންޖެހޭގޮތް. އެހެންކަމުން ގާނޫނާއި ގަވައިދުގައި މިގޮތަށް ޗިޓު ރައްދުކުރުމަށް ހަދަންޖެހޭގޮތް އޮއްވައި ގާނޫނީ ގޮތަކަށް މި ގޮތަށް އަމަލު ކުރަންޖެހޭކަމަށް ގަބޫލެއް ނުކުރެވޭ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ސޯޝަލް މީޑިއާ އެކައުންޓަކީ ކޮންމެ ރައްޔިތަކު ބޭނުން ކުރުން ލާޒިމް އެއްޗަކަށް ނުވާއިރު ސޯޝަލް މީޑިއާގެ އެކައުންޓް ވެރިފައި ނުކުރެވޭ ގޮތަކަށް މީހުންގެ މައްޗަށް ޗިޓު ފޮނުވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ.  އަދި އެއީ ދުނިޔޭގެ ހަމަޖެހޭ ގައުމުތަކުގައި ކަންކަން ކުރާ ގޮތެއް ނޫންކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މިކަހަލަ ހަމަނުޖެހޭ ކަންކަން ފުލުހުންގެ މުއައްސަސާއިން ކުރަމުންދަނީ ވަކި މީހަކަށް ޓާގެޓްކޮށްގެންކަމަށާއި އަދި ވަކިބައެއްގެ ނުފޫޒު އޮވެގެން ކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ގަވައިދު ހުންނަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ތެރެއިން ބާރު ލިބިދޭ އިމުގެ ތެރެއިން ކަމަށެވެ. އަދިފުލުހުންނަށް ލިބިދޭ ބާރުތަކުގެ ތެރެއިން އުސޫލު ހަދައިގެން އެކަން ނުކުރެވޭނެކަމަށާއި އެ އުސޫލަށް އަމަލުކުރުމަށް ފުލުހުންނަށް ރައްޔިތުންގެ މައްޗަށް އަމުރު ނުކުރެވޭނެކަމަށެވެ. ސަބަބެއްކަމަށް ހިސާން ވިދާޅުވީ، ފުލުހުންގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްކަމަށްވާއިރު އެގާނޫނުގެ ދަށުން ގަވައިދު ހެދުމުގެ ބާރު ފުލުހުންނަށް ލިބިދޭކަމަށެވެ. އަދިއެހެންކަމުން ފުލުހުންނަށް އަމަލު ކުރެވޭނީ އެހަދާ ގަވައިދުގެ ދަށުންކަމަށާއި އެގަވައިދުގެ މައްޗަށް އުސޫލު ހަދައިގެން ރައްޔިތުންނަށް ލާޒިމް ނުކުރެވޭނެކަމަށެވެ.  

ފުލުހުން އަލަށް އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ފުލުހުން ފޮނުވާ ޗިޓާއި ހަވާލުވާ ފަރާތަކުން އިންކާރު ކުރާ ނަމަ ރަޖިސްޓްރީ ޕޯސްޓުގެ ޒަރިއްޔާއިން ނުވަތަ އެ ނޫންވެސް އެމީހަކާ އެވަގުތަކު މުއާމަލާތު ކުރެވޭ މުވާސަލާތީ ވަސީލަތެއްގެ ޒަރިއްޔާއިން ޗިޓު ހަވާލު ކުރެވިދާނެއެވެ. އޭގެތެރޭގައި އީމެއިލްއާއި ފެކްސްއާއި ޓެކްސްޓް މެސެޖާއި ފޮޓޯ ފޮނުވޭފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް