ރަޝިއާއިން ޔޫކްރެއިން ސުންނާފަތިކުރަމުންދާ މައްސަލައިގައި ރައްދު ދެއްވާނެކަމަށާއި، ރަޝިއާއަށް ގެއްލުންދީ ހަނގުރާމަ އަވަހަށް ނިމޭނެގޮތަކަށް މަސައްކަތް ކުރައްވާނެކަމަށް ޔޫކްރެއިންގެ ރައީސް، ވްލަޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކްރައިމިއާ ސަރަހައްދުގައި ހުންނަ ރަޝިއާގެ އެއަރ ބޭސް އަކަށް ހަމަލާތަކެއްދީ ގެއްލުންވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މި ދަނޑިވަޅުގައި ޒެލެންސްކީ ރަޝިއާއަށް ހަމަލާދެއްވާނެކަމަށް އިޝާރާތެއް ކުރައްވާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ދެއްވި މެސެޖެއްގައެވެ.
ޔޫކްރެއިނުން ބުނެފައިވަނީ ނިޕްރޯޕެޓްރޮވްސްކް ސަރަހައްދު ރަޝިއާގެ ބާރުގެ ދަށަށް ގެނެސް މަރހަނެޓްސްގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލާންޓް ހިމެނޭ ސަރަހައްދުން ދިން ރޮކެޓް ހަމަލާތަކުގައި 13 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 10 މީހުން ޒަހަމްވެފައިވާ ކަމަށް ޔޫކްރެއިނުން ވަނީ ހާމަކޮށްފައެވެ.
ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖްގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ފައުޖްތަކާއި އިންޓެލިޖެންސް އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ނިޕްރޯއަށް ދިން ހަމަލާ ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި ޔޫކްރެއިންގެ ބައިވެރިން ބާރުގަދަ ހަތިޔާރު ޔޫކްރެއިންގެ އަސްކަރިއްޔާއަށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
ޒެލެންސްކީ ވިދާޅުވީ ދުޝްމަނުންނަށް ހަމަލާދިން ވަރަކަށް ޔޫކްރެއިންގެ ބިންތައް އަނބުރާ ލިބޭނެ ކަމަށާއި، އެކަމުގެ ސަބަބުން ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
