ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 14:16
މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އިންޑިއާ ދަތުރުފުޅު
ރައީސް މުމްބާއީގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް ޒިޔާރަތް ކުރައްވައިފި
މާލޭގެ ވިޔަފާރި ބަނދަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން
ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރެއްވުމުގެ ބޭނުންފުޅަކީ، އެ ބަނދަރުގެ ކަންކަން ހުރިގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުން
ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ އިންޑިއާގެ ޕްރިމިއަރ ކޮންޓެއިނަރ ހޭންޑްލިންގ ބަނދަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ) އަށް ޒިޔާރަތްކުރައްވައިފިއެވެ.   

މިޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއަރމަން ސަންޖޭ ސެތީ ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ވަފުދަށް، އެބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަޞީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތު ދެއްވާފައެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިނގާ މުހިއްމު ތަންތަަނަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަފުދުގެ ބޭފުޅުންނާއެކު ސަންޖޭ ސެތީ ވަޑައިގެންނެވިއެވެ.   

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ވިޔަފާރި ބަނދަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށްވުމާއި، މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް އޮތުމުން، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރެއްވުމުގެ ބޭނުންފުޅަކީ، އެ ބަނދަރުގެ ކަންކަން ހުރިގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުމެވެ. އަދި ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ ދުނިޔޭގައި އެންމެ ރަނގަޅަށް މެނޭޖްކުރާ އަދި އެންމެ ވަރުގަދަ އެއް ބަނދަރުކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.  

ނާވީ މުމްބާއީގައި ހުންނަ، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ އިންޑިއާގެ ޕްރިމިއަރ ކޮންޓެއިނަރު ހޭންޑްލިންގ ބަނދަރެކެވެ. އިންޑިއާގެ މައިބަނދަރުތަކަށް ބަލާއިރު، އެބަނދަރުތަކަށް ބާލާ ކޮންޓެއިނަރ ކާގޯގެ %50 ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ. ދުނިޔޭގެ ކޮންޓެއިނަރު ބަނދަރުތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައި ހިމެނޭ މިބަނދަރުން، ދުނިޔޭގެ 200 އަށްވުރެ ގިނަ ބަނދަރަށް މުދާ އުފުލައެވެ.   

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
- ކޮމެންޓް