ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 13:48
ދުޝްމަނުންނާ ކުރިމަތިލާން ގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފި
ދުޝްމަނުންނާ ކުރިމަތިލާން ގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފި
ރޮއިޓާސް
ޓައިވާން އާއި ޗައިނާގެ މައްސަލަ
އަސްކަރިއްޔާ އޮތީ ގައުމުގެ ދުޝްމަނުންނާ ކުރިމަތިލާން ތައްޔާރަށް: ޓައިވާން
ޗައިނާގެ އަސްކަރިއްޔާއިން ވަނީ ޓައިވާން ސަރަހައްދުގައި އެގައުމުން ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައި
ގައުމުގެ ސަލާމާތީ ބާރާ އަސްކަރިއްޔާ އޮތީ ކޮންމެ ވަގުތެއްގައިވެސް ދުޝްމަނުންނާ ކުރިމަތިލާން ޖެހިދާނެކަމަށް ވިސްނައި އެލަރޓްގައި
ހަމަލާތަކެއް ކުރިމަތިވެއްޖެ ނަމަ، އެކަމަށް އެންމެ އެކަށޭނަ ރައްދު ދޭނެ ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނޭ

ދުޝްމަނުންނާ ކުރިމަތިލާން ގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ބުރާސްފަތު ދުވަހު ޓައިވާންގެ ޑިފެންސް މިނިސްޓްރީން ވަނީ އެގައުމުގެ ސަލާމާތީ ބާރާ އަސްކަރިއްޔާ އޮތީ ކޮންމެ ވަގުތެއްގައިވެސް ދުޝްމަނުންނާ ކުރިމަތިލާން ޖެހިދާނެކަމަށް ވިސްނައި އެލަރޓްގައި ކަމަށް ބުނެފައެވެ. އަދި ހަމަލާތަކެއް ކުރިމަތިވެއްޖެ ނަމަ، އެކަމަށް އެންމެ އެކަށޭނަ ރައްދު ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ސްޕީކަރ، ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާއެކު ޓައިވާން، ޗައިނާ އަދި އެމެރިކާގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޗައިނާގެ އަސްކަރިއްޔާއިން ވަނީ ޓައިވާން ސަރަހައްދުގައި އެގައުމުން ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައެވެ.

ޗައިނާގެ އަސްކަރިއްޔާއިން ޓައިވާން ވަށާލާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، ޓައިވާން އިން ވަނީ އެގައުމުން ދަނީ ޗައިނާ އަސްކަރިއްޔާގެ ހަރަކާތްތައް ގާތުން މޮނިޓަރ ކުރަމުން ކަމަށް ބުނެފައެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ސުން ލީ-ފެންގް ވަނީ ޗައިނާއިން މިހާރު ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކަކީ އެއްވެސް ވަރަކަށް ވިސްނާލުމެއްނެތި އެގައުމުން ކުރާ ކަމެއް ކަމަށާއި މީގެ ސަބަބުން ބައިނަލްއަގުވާމީ އެތައް މައްސަލައެއް އުފެދި ސަރަހައްދީ ސަލާމަތައްވެސް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޗައިނާއިން ދޮގު މައުލޫމާތު ފެތުރުމުގެ މަސައްކަތްކުރާ ކަމަށާއި އިންޓަނެޓުން ފެންނަ ތަފާތު ވާހަކަތައް ގަބޫލު ނުކުރުމަށްވެސް ސުން ވަނީ އެގައުމުން ރައްޔިތުންނަށް ގޮވާލާފައެވެ.

ޗައިނާއިން ޓައިވާނަކީ އެގައުމުގެ ބައެއްގެ ގޮތުގައި ގަބޫލުކުރާއިރު، އެމެރިކާގެ ވާގިއާއެކު ޓައިވާނުން މަސައްކަތްކުރަމުން ދަނީ ޗައިނާގެ މުށު ތެރެއިން ބޭރުވެފައިވާ މިނިވަން ގައުމަކަށްވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް