ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 22:50
މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު
މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު
ރާއްޖެއެމްވީ
އެމްއެންޔޫ
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް އިން އަލަށް ދެ ކޯސް ފަށަނީ
ޔުނިވަރސިޓީ ނިންމާ ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ފޯރުކޮށްދިނުމަކީ ކުރަމުންދާ މުހިންމު މަސައްކަތެއް

މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އިން އަލަށް ދެ ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާސިމް ވިދާޅުވީ އަލަށް ފެށުމަށް ހަމަޖެހިފައިވާ ދެކޯހަކީ ވިޝުއަލް އާޓްސް ނުވަތަ ފައިން އާޓްސް ޑިޕްލޮމާ ކޯހާއި ޕޮލިކަލް ސައިންސްގެ މާސްޓާސް ކޯސް ކަމަށެވެ. އަދި އެކޯސްތަކަށް ތަރުހީބު ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔުނިވަރސިޓީ ނިންމާ ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ފޯރުކޮށްދިނުމަކީ ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް ވެސް އާސިމް ވިދާޅުވިއެވެ.

އިންސާނީ އިލްމާއި ގުޅޭގޮތުން ހުރި ދައިރާތަކަށް މީހުން އުފެއްދުމުގެ މުހިންމުކަމާއި ގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް، މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އާސިމް އިތުރަށް ވިދާޅުވީ ކޯހެއް އުފެއްދުމަށް ވަރަށް ރަނގަޅު ޕްރޮޓޮކޯލްތައް ގެންގުޅޭ ކަމަށާއި ކޯހެއް ފަރުމާ ކުރުމުގެ ކުރިން ވަރަށް ގިނަ ދިރާސާތައް ކުރާ ކަމަށެވެ.

އެމްއެންޔޫ އިން ޑިގްރީ ނިންމާ ކުދިންނަށް ސްކޮލަރޝިޕްގެ ފުރުސަތު ވެސް ލިބޭ ކަމަށާއި ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމަކީ ޔުނިވަރސިޓީގެ އެއް އަމާޒު ކަމަށް އާސިމް ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު މުޅިން އައު 4 ކޯސް ތައާރަފު ކުރި ކަމަށާއި އިތުރު ކޯސްތަކަށް ވެސް އެޕްރޫވަލް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ގަވަރނަންސް އެންޑް ޑިވަލޮމަންޓް ކޯހުގެ މަސައްކަތް ނިމި އިންޓާނަލް އެޕްރޫވަލްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތްތާނގައި މޫސުމީ ބަދަލުތަކުގެ ކުރު މުއްދަތުގެ ކޯސްތައް ހިންގުމަށް ވިސްނަމުންދާ ކަމަށް އާސިމް ވިދާޅުވިއެވެ.

ފެކަލްޓީގައި މައިގަނޑު ގޮތެއްގައި ހިންގަނީ އިންސާނީ އިލްމުގެ ކޯސްތަކަށްވާއިރު ރާއްޖޭގައި މީގެ 20 އަހަރު ކުރިން އެންމެ ފުރަތަމަ ފެށުނު ޑިގްރީ ކޯހަކީ ދިވެހި ބަހުގެ ޑިގްރީ ކޯސް ކަމަށް އާސިމް ވިދާޅުވިއެވެ. މިފަދަ ގިނަ ކާމިޔާބީތައް ޔުނިވަރސިޓީން ހާސިލްކޮށްފައިވާ ކަމަށް އާސިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް