Advertisement
ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 15:02
މިނިސްޓަރު މަޚްލޫފް ރައީސް ޞާލިޙުއާއި ސަލާމް ކުރައްވަނީ
މިނިސްޓަރު މަޚްލޫފް ރައީސް ޞާލިޙުއާއި ސަލާމް ކުރައްވަނީ
ރައީސް އޮފީސް
އެމްޑީޕީ
އެމްޑީޕީ ބައި އިލެކްޝަން ކޮމެޓީގެ ޗެއަރއަކަށް މަޚްލޫފް
އެމްޑީޕީން އަންނަނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ.ދިއްގަރު އަދި ތ.ގާދިއްފުށީގެ ކައުންސިލްގެ ބައި އިލެކްޝަނަށް ތައްޔާރުވަމުން

ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ބައި އިލެކްޝަން ކޮމެޓީގެ ޗެއަރ އަކަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ހަމަޖައްސައިިފިއެވެ.

އެމްޑީޕީގެ ބައި އިލެކްޝަން ކޮމެޓީ އެކުލަވާލައި، އެ ކޮމެޓީގެ ޗެއަރ އަކަށް މަޚްލޫފް ހަމަޖައްސައި، މަސައްކަތް ދަނީ ކުރަމުންނެވެ. އެމްޑީޕީން އަންނަނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ.ދިއްގަރު އަދި ތ.ގާދިއްފުށީގެ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅައި، ކެމްޕެއިން ކުރަމުންނެވެ. ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ޢަބްދުﷲ ޢާރިފްއެވެ. އަދި ގާދިއްފުށި ކައުންސިލްގެ ބައި އިލެކްޝަންގައި އަންހެނުންގެ ގޮނޑިއަށް ވާދަކުރަނީ ޒުލައިޚާ އަޙުމަދެވެ.

Advertisement

މިކަމާ ގުޅިގެން ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި، އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމުމެއް ކަމަށައެވެ. މަޚްލޫފް ވިދާޅުވީ މިހާރު ބައި އިލެކްޝަން ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ޗެއާޕާސަން މަޝްވަރާކުރުމަށްފަހު ނިންމެވި ނިންމުމެއް. ދެން ބައި އިލެކްޝަން ކޮމެޓީ އެކުލަވާލައި، މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން. މީގެ ބޭނުމަކީ ކުރިއަށް ހުރި ބައި އިލެކްޝަންތައް ޕާޓީއަށް ކާމިޔާބުކޮށް، ޕާޓީ އިތުރަށް ހަރަކާތްތެރި ކުރުން. މިހާރު ވެސް ބައި އިލެކްޝަންގެ މަސައްކަތްތައް ކުރިއަށް އެބަ ދޭ. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ބައި އިލެކްޝަނާއި، ދެން ވެސް ހުރި ބައި އިލެކްޝަންތައް މި ޕާޓީއަށް ކާމިޔާބުކުރެވޭނެ.
އަޙުމަދު މަޚްލޫފް / ޔޫތު މިނިސްޓަރު

މަޚްލޫފަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަން ވެސް ކުރަމުން އަންނަ ފަރާތެކެވެ.

އެމްޑީޕީން ވަނީ ދާދި ފަހުން އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވާފައެވެ. އެ އިންތިޚާބުގައި ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިންތިޚާބުވީ މިނިސްޓަރު ފައްޔާޒުއެވެ. އަންހެނުން ރޫހުގެ ރައީސްކަމަށް އިންތިޚާބުވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. ޕާޓީގެ ޙަރަކާތްތައް ވަރުގަދަކޮށް، ޕާޓީ ޙަރަކާތްތެރިވުމަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ދުވަސްވަރު މިނިސްޓަރު ފައްޔާޒުގެ ވައުދެކެވެ.

މިއަހަރުގެ ކުރީ ކޮޅު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށް އެމްޑީޕީން ވަނީ އެ ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގެ ބައި އިލެކްޝަންތަކުގައި ވެސް އެ ޕާޓީން ވާދަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް