ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 09:13
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ޓިޝޫ ސާމްޕަލްއެއް
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ޓިޝޫ ސާމްޕަލްއެއް
ރޮއިޓާސް
މަންކީޕޮކްސް ފެތުރެމުންދިޔުން
މަންކީޕޮކްސް އެސްޓީޑީއެއްގެ ގޮތުގައި ކަނޑައެޅުމާމެދު ބަހުސްތަކެއް
މިހާރު މަންކީ ޕޮކްސް ފެތުރެމުންދާ ގޮތުން މިވަގުތު މިބައްޔަކީ ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަން (އެސްޓީއައި)ގެ ގޮތުގައި ބެލެވޭނެކަމަށް ބައެއް މާހިރުން ދެކޭ
މަންކީ ޕޮކްސް އަކީ ޖިންސީ ގުޅުމުން ނޫނަސް ފެތުރޭ ބައްޔެއް
މިބައްޔަކީ ވަކި ބަޔެއްގެ މެދުގައި ފެތުރޭ ބައްޔެއްކަމަށް ކަނޑައަޅައިފިނަމަ ބައްޔާމެދު އެހެން މީހުން ފަރުވާ ކުޑަކޮށްލާނެކަމަށް ބައެއް މާހިރުން ދެކޭ

މީގެ 50 އަހަރުކުރިން އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މަންކީ ޕޮކްސް ފެނުނުއިރު މިއީ ޖިންސީ ގުޅުމުން އަރާ ބައްޔެއްގެ ގޮތުގައި ބެލެވިފައެއްނުވެއެވެ. ނަމަވެސް މިހާރު ހާލަތު މިވަނީ ބަދަލުވެފައެވެ. މިހާރު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ މަންކީ ޕޮކްސް އަކީ މިހާތަނަށް މިވައިރަސް އަށް އެންމެ ބޮޑު ބަދަލުތަކެއް އައިސްގެން ފެތުރެމުންދާ ދިޔުމެވެ. މިއާއެކު މިބައްޔަކީ ދުނިޔޭގެ ސިއްހީ އިމަރޖެންސީގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިފަހަރު މިބަލި ފެތުރެމުންދާ ދިޔުމާ ގުޅޭގޮތުން އޮފިޝަލުން ވިދާޅުވަނީ ހުރިހާ ހެއްކެއްވެސް އިޝާރާތްކުރަނީ އެއް ދިމާއަކަށްކަމަށެވެ. އެއީ މިބަލި އެންމެ ބޮޑަށް ފެތުރެނީ ފިރިހެނުންގެ ތެރެއިން އެއް ޖިއްސުން ގުޅުން ހިންގާ މީހުންގެ މެދުގައިކަމެވެ.

ޖޯންސް ހޮޕްކިންސް ސެންޓަރ ފޮރ ހެލްތު ސެކިޔުރިޓީގެ ޑިރެކްޓަރ ޑރ.ޓޮމް އިންގްލެސްބީ ވިދާޅުވީ މިހާރު މަންކީ ޕޮކްސް ފެތުރެމުންދާ ގޮތުން މިވަގުތު މިބައްޔަކީ ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަން (އެސްޓީއައި)ގެ ގޮތުގައި ބެލެވޭނެކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލްކޮށް ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށް ސިއްހީ އިދާރާތަކުން އެންމެ ބޮޑަށް މަސައްކަތްކުރަނީވެސް ފިރިހެނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް އެމީހުންގެ އަމަލުތައް ވަކި ގޮތަކަށް ބައްޓަންކުރުމާމެދުއެވެ. ބުދަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ ފިރިހެނުން އެމީހުން ޖިންސީ ގުޅުން ހިންގާ މީހުންގެ އަދަދު މިވަގުތަށް މަދުކުރުމަށް އެދިފައެވެ.

ނަމަވެސް މިބަލި ފެތުރެމުންދާ ގޮތާގުޅޭގޮތުން އަދިވެސް ނޭންގޭ ކަންކަން ހުރުމާއެކު މިބަލީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކޮން ބަޔަކަށްކަން އަދިވެސް ކަނޑައަޅަން އުނދަގޫކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ. އަނެއްކޮޅުން މަންކީ ޕޮކްސް އަކީ ސެކްޝުއަލީ ޓްރާންސްމިޓެޑް ޑިޒީސް (އެސްޓީޑީ) އެއްގެ ގޮތުގައި ކަނޑައެޅުމާމެދުވެސް ބަހުސްތަކެއް އަންނަނީ ކުރަމުންނެވެ. އެއީ އެގޮތަށް ކަނޑައެޅުމުން ވަކި ބަޔަކު މާބޮޑަށް ފާހަގަވެ އެމީހުންނަށް ފުރައްސާރަކުރުންފަދަ ކަންކަން އިތުރުވެގެންދާނެތީއެވެ.

މަންކީ ޕޮކްސް އަކީ ޖިންސީ ގުޅުމުން ނޫނަސް ފެތުރޭ ބައްޔެކެވެ.

އެސްޓީޑީގެ ގޮތުގައި ބައްޔެއް ކަނޑައެޅެނީ ކިހިނެއް؟

ސެކްޝުއަލީ ޓްރާންސްމިޓެޑް ޑިޒީސް (އެސްޓީޑީ) އަކީ ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކެވެ. ނަމަވެސް ބައެއް އެސްޓީޑީ އަކީ ޖިންސީ ގުޅުމުން ނޫނަސް އެކެއް ގައިން އަނެކެއްގެ ގަޔަށް އަރާ ބަލިތަކެވެ. އެގޮތުން އެޗްއައިވީ އަށް ބަލާއިރު އެޗްއައިވީ ވައިރަސް ހުރި މީހަކު ބޭނުންކޮށްފައިވާ ސިރިންޖް ފަދަ އެއްޗެއް އަނެއް މީހާ ބޭނުންކުރުމުންވެސް އެބަލި އަނެއް މީހާގެ ހަށިގަނޑަށް އަރައެވެ.

ސެކްޝުއަލް އިންފެކްޝަން އަށް މަގުފަހިކުރާ ޕެރެސައިޓް ކަމުގައިވާ ޓްރިޗޯމޮނިއާސިސް ގިނަ ބަޔަކު ބޭނުންކުރާ ތުވާލި ސްޕޮންޖް ފަދަ ތަކެތިންވެސް އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް އަރައެވެ.

އެންމެ ފުރަތަމަ ދުނިޔެއިން ފެނިފައިވާ މަންކީ ޕޮކްސްގެ ކޭސްތަކަކީ އެހާ ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރިފައިވާ ކޭސްތަކެއް ނޫނެވެ. އެހެންކަމުން މާހިރުން މިހާރުވެސް އަންނަނީ އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް މިވައިރަސް ފެތުރޭގޮތް ދިރާސާކުރަމުންނެވެ. އެންމެ ފުރަތަމަ މިބަލި ފެނުނު އެފްރިކާ ސަރަހައްދުގައި މިބަލީގައި ގިނަ ކޭސްތަކެއް ފެނުމަކީ އާންމު ކަމެކެވެ. އާންމު ގޮތެއްގައި އެސަރަހައްދުން ކޭސްތައް ފެނިފައިވަނީ ބަލި ޖެހިފައިވާ ޖަނަވާރެއް ދަތް އެޅުމުގެ ސަބަބުންނެވެ.

ނަމަވެސް މިއަހަރުގެ މެއި މަހުގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކުން މަންކީ ޕޮކްސްގެ ކޭސްތައް ފެންނަން ފެށިއިރު އެއް ކަމެއް ވަނީ ފާހަގަވެފައެވެ. އެއީ ބަލި ޖެހޭ މީހުންގެ ތެރޭގައި ޖިންސީ ގުޅުމުގެ ސަބަބުން ބަލި ޖެހޭ މީހުން ގިނަ ކަމެވެ.

މަންކީ ޕޮކްސް ޖެހެނީ ކޮން ބަޔަކަށް؟

މިދިޔަ ހަފްތާގައި ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވިދާޅުވެފައިވަނީ އެފްރިކާއިން ބޭރުން ފެނިފައިވާ މަންކީ ޕޮކްސްގެ ކޭސްތަކުގެ 99 އިންސައްތަ ކޭސް އަކީ ފިރިހެނުންކަމަށެވެ. އޭގެ ތެރެއިން 98 އިންސައްތަ މީހުންނަކީ ފިރިހެނުންގެ ތެރެއިން އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންނެވެ. މާހިރުން ގަބޫލުކުރާ ގޮތުގައި ޔޫރަޕާއި އުތުރު އެމެރިކާއިން ފެނިފައިވާ ކޭސްތަކަކީ ޖިންސީ ގުޅުމުގެ ސަބަބުން ފެތުރިފައިވާ ކޭސްތަކެވެ.

ނަމަވެސް ޔޫރަޕަށް ބަލާނަމަ ބައެއް ކޭސްތައް ވަނީ އެހެން މީހުންގެ ފުށުންވެސް ފެނިފައެވެ. އެގޮތުން 13 އަންހެނަކަށް މަންކީ ޕޮކްސް ޖެހިގެން ރިޕޯޓްކޮށްފައިވާއިރު 2 ކުޑަކުދިންވެސް ހިމެނެއެވެ.

އެސްޓީޑީގެ ގޮތުގައި މަންކީ ޕޮކްސް ކަނޑައެޅުމާމެދު ބަހުސްތަކެއް އުޅެނީ ކީއްވެ؟

ފުޅާ ދާއިރާއެއްގައި ސިއްހީ އޮފިޝަލުން އެއްބަސްވާ ކަމަކީ ޖިންސީ ގުޅުމުގެ ސަބަބުން މިބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާކަމެވެ. ނަމަވެސް ބައެއް މާހިރުންގެ ބަހުސަކީ މިބަލި އެސްޓީޑީގެ ގޮތުގައި ކަނޑައެޅުމެވެ. އެފަދަ މީހުން ދައްކާ ސަބަބަކީ އެގޮތަށް ކަނޑައަޅައިފިނަމަ މިބައްޔަކީ ވަކި ބަޔެއްގެ މެދުގައި ފެތުރޭ ބައްޔެއްކަމަށް ކަނޑައަޅާ ބައްޔާމެދު އެހެން މީހުން ފަރުވާ ކުޑަކޮށްލުމެވެ.

ބަލި ޖެހޭ ގިނަ މީހުންނަކީ ފިރިހެނުންގެ ތެރެއިން އެއް ޖިންސުން ގުޅުން ހިންގާ މީހުންކަމަށްވާއިރު މިބައްޔަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ބައްޔެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އޭގެ ނުރައްކާ އެމީހުންނަށް ނެތްކަމަށް ބައެއް މާހިރުން ދެކެއެވެ. އޭގެ ސަބަބެއްކަމަށް މާހިރުން ބުނަނީ އެންމެ ފުރަތަމަ އެއިޑްސް ފެނުނު ދުވަސްވަރު އެގޮތަށް ކަނޑައެޅުމުން އެނޫން މީހުންނަށް އެއިޑްސް ޖެހުމުގެ ފުރުސަތު ފަހިވެގެންދިޔުމެވެ. އެގޮތަށް ކަނޑައެޅުމުން އެހެން މީހުން ބައްޔާމެދު ފަރުވާކުޑަކޮށްލުމުގެ ސަބަބުން އާންމު މުޖުތަމައުއަށް ބަލި ފެތުރުމުގެ ފުރުސަތު ފަހިވެގެންދަނީއެވެ.

އެފަދަ މާހިރުން ބުނާ ވާހަކައަކީ މަންކީ ޕޮކްސް އަކީ ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަނެއް ނޫންކަމަށެވެ. ނަމަވެސް އެބަލި ފެތުރޭ ސަބަބުތަކުގެ ތެރޭގައި ޖިންސީ ގުޅުން ހިމެނޭކަމަށެވެ.

މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު ބަލި ޖެހޭ އެންމެ އާންމު ގޮތަކީ ޖިންސީ ގުޅުމުގެ ތެރެއިން ހަމުގެ ޒަރީއާއިންނެވެ. މީގެއިތުރުން ކުޅުގެ ޒަރީޢާއިންވެސް ބަލި ފެތުރޭކަމަށް ވަނީ ދެނެގަނެވިފައެވެ. މާހިރުން އަންނަނީ މިގޮތަށް ބަލި ފެތުރެނީ ކިހިނެއްކަން ތަފްސީލުކޮށް ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް