Advertisement
ކ. މާލެ
|
14 ޖޫން 2017 | ބުދަ 22:18
ރައީސް މައުމޫނާ އެއާޕޯޓްގައި
ރައީސް މައުމޫނާ އެއާޕޯޓްގައި
ރާއްޖެއެމްވީ
މައުމޫން އެނބުރި ވަޑައިގަތުން
ތިން މަހަށް ފަހު ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި
ރައީސް މައުމޫން ރާއްޖޭން ބޭރަށް ވަޑައިގަތީ މާޗް 8 ގައި
ޖަލަށް ލާންޖެހޭނެ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި
ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ފުލުހުން ހުރަސް އެޅި

ތިން މަހަށް ވުރެ ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރައީސް މައުމޫން އަބްދުލް ގައްޔޫމް ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް މައުމޫނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ރަސްރީނާ އިބްރާހިމް ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހުގެ ރޭ ސިންގަޕޯ އެއާލައިނުންނެވެ.

 

ރައީސް މައުމޫނަށް ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެ މަނިކުފާނުގެ ސަޕޯޓަރުންނާއި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި މެމްބަރުންނެވެ. މަރުހަބާ ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ބޭފުޅުން ކަމުގައިވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން އަދި ފާރިސް މައުމޫނު ވެސް ވަޑައިގެންނެވި އެވެ.

ރައީސް މައުމޫން މާޗް 8 ގައި ބެންގަލޫރަށް ވަޑައިގަތީ އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް އާލާސްކަންފުޅާ އުޅުއްވާތީއެވެ. ފަރީޝާ ފަހުން ސިންގަޕޫރަށް ގެންދަވައި ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް ހަވަހާރަވީ މެއި 31 ވަނަ ދުވަހުގެ ރޭ ގަ އެވެ. 

ރައީސް މައުމޫން މާޗް 8 ގައި ރާއްޖޭން ބޭރަށް ފުރާާވަޑައިގަތުމަށް އެއާޕޯޓްގައި ހުންނަވަނިކޮށް އެ މަނިކުފާނުގެ ހަށިފާރަވެރިން އެމްއެންޑީއެފުން ވަނީ ނަގައިފަ އެވެ. ރައީސް މައުމޫނުގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ސިފައިންގެ ދެ އޮފިސަރުން ގެންދިޔައީ ޗެކިންކޮށް ނިމުނު ފަހުންނެވެ.


ކުރީގެ ރައީސުންނަށް ސަލަމާތާއި ރައްކާތެރިކަން ދިނުމަކީ ސިފައިންގެ މައްޗަށް ގާނޫނުން ލާޒިމު ކަމެކެވެ.

ރައީސް މައުމޫނު އެނބުރި ވަޑައިގަތުމާއެކު ސަލާމަތީކަންކަން ވަނީ ހަމަޖައްސަވައި ދެއްވާފަ އެވެ.

ރައީސް ޔާމީނަށް ކުރެއްވި އިތުބާރު ރައީސް މައުމޫން އަނބުރާ ގެންދަވާފައިވާއިރު، މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ރައީސް ޔާމީންގެ ފެކްޝަން ދޫކުރައްވައިފަ އެވެ. ކޯޓް މެދުވެރިކޮށް ރައީސް މައުމޫންގެ އަތްޕުޅުން ޕާޓީގެ ލީޑަޝިޕް ރައީސް ޔާމީން ވަނީ ހޯއްދަވާފަ އެވެ.

ރައީސް މައުމޫން އިންޑިއާގައި ހުންނެވިއިރު، އެ މަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ވަނީ އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގެން، މި ސަރުކާރާއި ދައުލަތް ޒިންމާދާރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ރައީސް މައުމޫނު އެނބުރި ރާއްޖެ ވަޑައިގަތުމުން ބަންދުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، އެ މަނިކުފާނު ވިދާޅުވެފައިވަނީ ޖަލަށް ލިޔަސް، ބިރުފުޅު ނުގަންނަވާނެ ކަމަށާއި، ހަމައެކަނި ބިރުފުޅު ގަންނަނީ ﷲގެ ހަޟްރަތުން ކަމަށެވެ.

 

 

 

އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ހައްޔަރުކުރަންޖެހޭ ކަމެއް ނުކުރައްވާ ކަމަށެވެ.

އެއާޕޯޓުން އެ މަނިކުފާނު މާލެ ވަޑައިގެންއިރު، އެ މަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގެންނެވި މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުންގެ ދަތުރުކުރެއްވި ލޯންޗްކޮޅު އިއްޒުއްދީން ފާލަން ސަރަހައްދަށް ވަނުމަށް ފުލުހުން ހުރަސް އެޅި އެވެ. ރައީސް މައުމޫން ދަތުރުފުޅުކުރެއްވި ލޯންޗްކޮޅު ވަނުން މަނައެއް ނުކުރެ އެވެ.

 

"އަޅުގަނޑުމެންނަށް މި ސަރަހައްދަށް ނުވަދެވުމަކީ މި ސަރުކާރަށް ލިބޭނެ ކްރެޑިޓެއް ނޫން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާން ސަރަހައްދު ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތްއިރު، އެ ސަރަހައްދަށް އެއްވެފައި އޮތް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ ރައީސް މައުމޫން ބައްދަލު ކުރެއްވުމަށް ފުލުުހުން ހުރަސް އެޅި އެވެ.

ރައީސް މައުމޫން އިއްޒުއްދީން ފާލަމުން މަރުހަބާ ދެންނެވުމަށް މާލޭގެ މޭޔަރު ސިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވެސް ވަޑައިގަތެވެ. ނަމަވެސް ފާލަން ދޮށަށް ވަޑައިގަތުމަށް އެ ބޭފުޅުން ވެސް ފުލުހުން ހުރަސް އެޅި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް