ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 17:17
ޖަންގަލީގައި ރޯވެ އަނދަނީ
ޖަންގަލީގައި ރޯވެ އަނދަނީ
ގެޓީ އިމޭޖަސް
ގަންގަލިތަކުގައި ރޯވުން
ރައީސް ބައިޑަން ކްލައިމެޓް އިމަރޖެންސީ އިއުލާންކުރެއްވުން ގާތް : ޖޯން ކެރީ
ތިމާވެޓީގެ ކަންކަމަށް ޚަރަދުކުރުމަށް މިދިޔަ ހަފުތާގައި ރައީސް ޖޯ ބައިޑަން ވަނީ 2.3 ބިލިއަން ޑޮލަރު ކަނޑައަޅުއްވާފައި

އާދަޔާ ޚިލާފަށް ހޫނުގަދަވެ ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ އެމެރިކާއަށްވެސް ވަރަށް ބޮޑަށް މިވަގުތު ކުރިމަތިވެފައިވާއިރު، ރައީސް ބައިޑަން "ކްލައިމެޓް އިމަރޖެންސީ" އިއުލާންކުރެއްވުމާމެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދަވާކަމަށް، އެމެރިކާގެ ކްލައިމެޓް އެންވޯއީ ޖޯން ކެރީ ވިދާޅުވެއްޖެއެވެ. ކްލައިމްޓް އިމަރޖެންސީ އިއުލާންކުރައްވައިފިނަމަ ރައީސް ބައިޑަންގެ "ރިނިއުއަބަލް އެނަރޖީ އެޖެންޑާ" ތަންފީޒުކުރުމަށް ކޮންގްރެސްގެ ތެރެއިން އިތުރު ބާރު ލިބިދޭނެއެވެ.

ބިބީސީއާ ވާހަކަފުޅުދައްކަވަމުން، ޑިމޮކްރެޓިކް ޕާޓީން ކުރިން ރައީސްކަމަށްވެސް ކުރިމަތިލެއްވި ޖޯން ކެރީ ވިދާޅުވީ، ބައިޑަންގެ ރިނިއުއަބަލް އެނަރޖީއާބެހޭ އެޖެންޑާ ކުރިޔަށް ނުގެންދެވިފައިވަނީ ކޮންގްރެސްއިން އެކަމަށް އެއްބާރުލުން ނުދީގެންކަމަށެވެ. ނަމަވެސް ތެޔޮ އަންދައިގެން ހަކަތަ ހޯދާ ނިޒާމު ބަދަލުކޮށްލެއްވުމަށް ރައީސް ބައިޑަންއަށްވުރެ ބޮޑަށް ބޭނުންވާ އެހެން ފަރާތެއް ނުހުންނާނެކަމަށް ކެރީ ވިދާޅުވިއެވެ.

ތެޔޮ އަންދައިގެން އިންޖީނުގެތައް ހިންގުމުން ޖައްވަށް އަރާ ވިހަ ގޭހުން ދުނިޔޭގެ ޖައްވު ހޫނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ގަނޑުފެނުގެ ސަރަހައްދުތަކުގައިވާ އައިސް، ފެނަށް ބަދަލުވެ، ކަނޑުގެ ލޮނުގަނޑު އުފުލެން މެދުވެރިވެ ތޫފާންތަކަށް މަގުފަހިވެއެވެ. މީގެ އިތުރުން ޖަންގަލިތަކުގެ ގަސްތައް ހިކި، އަލިފާން ރޯވާން ދިމާވެއެވެ.

ޖަންގަލީގައި ރޯވެ އަންދަނީ

މިވަގުތުވެސް ދުނިޔޭގެ ދިހަވަރަކަށް ގައުމުގެ ޖަންގަލި ތަކުގައި ރޯވެ، ދަނީ އަނދަމުންނެވެ. މީގެ ތެރޭގައި އިނގިރޭސި ވިލާތް، ގްރީސް، ތުރުކީ، އިޓަލީ، ސްޕެއިން، ރަޝިޔާ، ލުބްނާން، ޗައިނާ އަދި އެމެރިކާ ހިމެނެއެވެ. އެމެރިކާގެ ސައްވީހަކަށް ސްޓޭޓްގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ތައްޔާރަށް ތިބުމަށް އަންގަމުންނެވެ. އަދި އަލިފާނުގައި ދެ ގެއެއް އަނދާފައިވާއިރު، އެތައްހާސް ބަޔަކު ދަނީ ދުރު ހިސާބުތަކަށް ބަދަލުކުރަމުންނެވެ.   

ޖޯން ކެރީ ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމުތައް ގާއިމު ކުރުމުން، މިހާރު ހަކަތައަށް ކުރާ ޚަރަދު ކުޑަވެ، އިންފްލޭޝަން ދަށްވެ، އިތުރު ވަޒީފާތައް އުފެދި އިންސާނުންގެ ސިއްހަތަށް ބޮޑު ފައިދާއެއްކޮށް އަދި ރައްކާތެރިކަން އިތުރުކޮށްދޭނެކަމަށެވެ.

ތިމާވެޓީގެ ކަންކަމަށް ޚަރަދުކުރުމަށް މިދިޔަ ބުދަ ދުވަހު ރައީސް ޖޯ ބައިޑަން ވަނީ 2.3 ބިލިއަން ޑޮލަރު ކަނޑައަޅުއްވާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް