ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އުފެއްދެވުމާ ގުޅިގެން ފުވައްމުލަކު ރަށުކައިންސިލްތަކުގައި މަސައްކަތްކުރި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ނޯޓިސްދީފިއެވެ.
ފުވައްމުލަކު ރަށުކައުންސިލް އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ އެންގުމަށް ހައުސިން މިނިސްޓްރީގެ ފަރާތުންނެވެ.
މި މަހުގެ 12 ވަނަ ދުވަހު ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީ މުހައްމަދު ވަހީދު ޝާރީފް ސޮއި ކުރައްވާ ފުވައްމުލަކު ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފައްދައި ފުވައްމުލަކު ރަށު ކައުންސިލްތައް އުވާލުމާ ގުޅިގެން އެ އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ތިން މަސް ދުވަހގެ ނޯޓިސްއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފުވައްމުލަކު ރަށު ކައުންސިލް އިދާތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ބޯޓިސް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ ހައުސިން މިނިސްޓްރީން މެދުވެރިކޮށް ކަމަށް ސިޓީގައި ބުނެފައިވެއެވެ.
ފުވައްމުލަކު ރަށު ކައުންސިލް އިދާތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ހައުސިން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަޔް ކުރި މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސް ވަނީ ދެވިފައެވެ. އަދި ނޯޓިސް ދީފައިވާ މުއްދަތުގައި އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދެމުން ދަނީ ހައުސިން މިނިސްޓްރީން ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
ހައުސިން މިނިސްޓްރީގެ ސިޓީގައި ބުނެފައިވާ ގޮތުގައި އުވާލެވިފައިވާ ފުވައްމުލަކު ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން ފުވައްމުލަކުގައި ސަރެކާރުގެ މިނިސްޓްރީތަކުން އަލަށް ގާއިމް ކުރާ އިދާރާތަކުގައި އުފައްދާ މަގާމްތަކަށް ޝަރުތު ހަމަވާ މުވައްޒަފުން އެ އިދާރާތަކުން ކަނޑައަޅާ އުސޫލްތަކުގެ ދަށުން ބަދަލު ކުރުމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެގޮތުން އެ މަސައްކަތް މިހާރު ވެސް ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުންދާ ކަމަށާއި އަދި މިގޮތުން މަގާމްތަކަށް ހަމަނުޖެހޭ މުވައްޒަފުން ނޯޓިސްގެ މުއްދަތު ހަމަވުމުން ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ފުވައްމުލަކު ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.