ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަ 9 އިން 11 އަށް ބަދަލު ކުރުމަށް ކޯޓްޓްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ އެބިލް ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި އެބިލް ފާސް ކުރުމަށް ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓް ދެއްވާފައި ވެއެވެ.
އެބިލް ދިރާސާކޮށްފައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނެވެ.
މިވަގުތު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. މީގެ ތެރެއިން ތިން ފަނޑިޔާރުން ތިއްބެވީ ހައިކޯޓުގެ ދެކުނު ގޮފީގަ އެވެ.
ކޯޓްތަކާ ބެހޭ ގާނޫނުގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.
ކޯޓްތަކާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާ އަށް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ހައިކޯޓް އެކުލެވިގެން ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި އެކޯޓަށް އައްޔަން ކުރެވޭ އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
މީގެއިތުރުން 27 ވަނަ މާއްދާގެ (ށ) އަށް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައވާ ގޮތުގައި ގާނޫނަށް މިބަދަލު ގެނައި ނަމަވެސް މިހާރު ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ފަނޑިޔާރުން އެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އިތުރަށް އައްޔަން ކުރަން ޖެހޭ ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި އައްޔަން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް މިފަދަ އިސްލާހެއް ހުށަހެޅީ ހައިކޯޓަށް ހުށަހަޅަމުންދާ މައްސަލަތައް އިތުރުވެގެން ގޮސްފައިވާތީ ވީހާވެސް އަވަހަށް އިސްތިއުނާފް މައްސަލަތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ފަލާހު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވެއެވެ.