އަދީބުގެ ސިއްހީ ހާލަތު ކަށަވަރު ކުރުމަށްޓަކާއި އަދީބު ބަހައްޓާފައިވާ ގޮޅި ބެލުމަށް އަދީބުގެ އައިލާ އިން އެޗްއާރްސީއެމް އަށް އެދިލައްވައިފި އެވެ.
މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރްސީއެމް އަށް އެޑްރެސް ކުރައްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަންހެނުން މަރިޔަމް ނަސްރާ ފޮނުވާފައިވާ ލިޔުމުގައި ވަނީ އަދީބަށް ދިމާވާމުންދާ ސިއްހީ މައްސަލަތަކުގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.
މިސިޓީގައި ބުނެފައިވަނީ، އަދީބުގެ ސިއްހީ ހާލަތާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިހްމާލުވަމުންދާ ކަމަށާއި އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.
އަދީބުގެ ލޮލަށް ތަދުވާތީ ޑޮކްޓަރަށް ދެއްކުމަށް އެދުމުން ޑޮކްޓަރަށް ދެއްކުމަށް ފަހު ހެއްދުމަށް ބުނި ޓެސްޓްތަކުގެ ތެރެއިން ހެދި ފުރަތަމަ ޓެސްޓް މިދިޔަ މަހު ހެދިއިރު ގްލޮކޮމާއަށް ޕޮޒިޓިވްވެފައިވާ ކަމަށް މި ސިޓީގައި ބަޔާންކޮށްފައި ވެ އެވެ.
ޖަލުގައި ކޮންމެ ދުވަހަކު ދެ އިރު، އަދީބުގެ ލޮލަށް ބޭސްއަޅަމުން އަންނަ ކަމަށާއި އޭނާގެ ލޮލަށް އަޅަނީ ކޮން ބޭހެއް ކަމެއް ކަށަވަރުވިފައި ވެސް ނުވާ ކަމަށް މި ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
މި ބޭހުގެ ސަބަބުން ލޮލުގެ މައްސަލައަށް ލުޔެއް ލިބެމުން ނުދާކަމަށްވެސް އަދީބު ފާހަގަކޮށްފައިވާކަން މި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މި ސިޓީގައި މީގެ ކުރިން، ޖަލުގައި އެހެން ފަރާތްތަކަށް ދިމާވެފައިވާ ސިއްހީ މައްސަލަތައްވެސް ފާހަގަކޮށްފަވެ އެވެ. އެގޮތުން ކާނަލް މުހައްމަދު ނާޒިމްއަށް ފުރަތަމަ ފަހަރަށް ލޮލުގެ މައްސަތައް ކުރިމަތިވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދިޔަ ދުވަސްވަރު ކަމަށާއި ޖަލުގައި ކާނާ ވިހަވުމުގެ ސަބަބުން އަހްމަދު މަހްލޫފު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
އަދީބުގެ އަންހެނުން އެޗްއާރްސީއެމަށް ހުށަހަޅާފައިވާ ސިޓީގައި އަދީބު ޖަލުގައި ހުންނަ ގޮޅި ބެލުމައްޓަކާއި ޖަލަށް ޒިޔާރަތްކުރުމަށް އެދިފަ އެވެ. އަދި އަދީބަށް ދެމުންދާ ކާނާ އާއި ބޯފެނާއި ބޭސްތަކުގެ މައުލޫމާތުތައް ސާފުކުރުމަށް ވަނީ އެޗްއާރްސީއެމް އަށް އެދިފަ އެވެ.
އަދީބުގެ މައްޗަށް ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
އަދީބުގެ އާއިލާއިން މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެ މަނިކުފާނު ޖަލުގައި ހައްޔަރުކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ސިއްހީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ވަނީ ކަށަވަރުވެފަ އެވެ.
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަދޭނީ ކަރެކްޝަނުން ކަމަށް ފުލުހުން ބުނެފައިވާ އިރު މާޗު މަހުގެ 8 ވަނަ ދުވަހު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ވަނީ ބަދަލުކޮށްފަ އެވެ. މިހާރު އަދީބު ހުންނެވީ ދޫނިދޫ ޖަލުގައި ބަންދުކޮށްފަ އެވެ.
ކަރެކްޝަނުން ބުނަމުންދަނީ އަދީބަށް އެފަދަ ހުއްދައެއް ދިނުމުގެ އިހުތިސާސެއް އެ މުއައްސަސާއަށް ނެތް ކަމަށާއި ހުއްދަ ދޭނީ ފުލުހުން ކަމަށެވެ.