މާލޭގެ މަގުތަކުގައި ފެންބޮޑުވުން ކުޑަކުރުމަށް ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވައި 12.9 މިލިޔަން ރުފިޔާ އަށް ހައުސިން މިނިސްޓްރީގެ ފާތުން މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލު ކޮށްފިއެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ.
މާލޭ ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވަހި އެމްޑަބްލިޔުއެސްސީއާ ހަވާލު ކޮށްފައިވާއިރު އެ މަސައްކަތް ނިންމަން ޖެހނީ އަށް މަސް ދުވަސް ތެރޭގައެވެ.
ހަތަރުވަނަ ފިޔަވަހީގައި އޮންނާނީި ބުރުޒު މަގުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމެވެ. އެ ގޮތުން ބުރުޒު މަގާއި އެމަގާ ގުޅިފައިވާ ސަރަހައްދުތަކުގައި ފެން ހިންދާ ޕަމްޕް ސްޓޭޝަން ގާއިމް ކުުރުުމުގެ މަސައްކަތް ކުރާނެ އެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ހަތަރު ޕަމްޕް ސްޓޭޝަން ގާއިމް ކުރާނެ އެވެ.
ހަތަރުވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ކަވަކުރާނެ މަގުތަކަކީ ބުރުޒުމަގާއި ދޮންއަދަރާދަ ހިނގުމުން ފެށިގެން ބުރުޒުމަގާއި ހިލާލީމަގާއި ދެމެދުގައިވާ ސަރަހައްދެވެ. އަދި އަމީނީމަގު ކަށިމާހިނގުމުން ފެށިގެން ނިކަގަސްމަގާ ހަމައަށާއި ހަވީރީހިނގުމުގެ ހަނދުވަރީހިނގުމުން ފެށިގެން ކަނބާ އައިސަރަނި ހިނގުމާއި ދޭތެރެއެވެ. މިއީ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މިހާރު ވެސް އާންމުކޮށް ފެން ބޮޑުވާ އަދި ފެން ހިނދުން ލަސް ސަރަހައްދުތަކެވެ.
މި ރަސްމީއްޔާތުގައި ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދިހަ މަސްދުވަހުގެ ތެރޭގައި ފޭސް ތިނަކާއި ހަތަރެއްގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށާއި އޭގެ ސަބަބުން މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދު ތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުން ކުޑަކުރުމަށް މީގެ ކުރިން ވެސް ގިނަ މަސައްކަތްތަކެއް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން އަމީނީ މަގުގައި ކުރިން ފެންބޮޑުވާ ސަރަހައްދުތަކުގައި މިހާރު ފެން ހިނދުމަށް ނަގާ ވަގުތު ވަނީ ކުޑަވެފައެވެ.