ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް އެމަޖިލީހުގެ 85 މެމްބަރުންނަށް ދައުވަތު ދެއްވައިގެން އާދީއްތަ ދުވަހު ބޭއްވި މެންބަރުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެދައުވަތަށް މަސީހު ނިސްބަތްވެވަޑައިގަންނަވާ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމާއި އެމްޑީއޭގެ ގިނަ މެންބަރުން ވަޑައިނުގެންނެވުމުން އެކަމުގެ ސުވާލު ވަނީ އެކޯލިޝަން ތެރޭގައިވެސް އުފެދިފައެވެ.
މުޅި ހުރިހާ މެންބަރުންނަށް ދައުވަތު ދެއްވައިގެން ބޭއްވި މި ރޯދަ ވިއްލުމަށް ޕީޕީއެމްގެ 44 މެންބަރުންނާއި އެމްޑީއޭގެ 5 މެންބަރުންގެ ތެރެއިން ވަޑައިގެންނެވީ ވަރަށް މަދު މެންބަރެކެވެ. މުޅި ޖުމްލަ އެ ރޯދަވީއްލުމަށް ވަޑައިގެންނެވީ އެންމެ 17 މެންބަރުންކަމަށް ޕީޕީއެމްގެ މެންބަރަކު ރާއްޖެ އެމްވީއަށް ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ކޯލިޝަންގެ މެމްބަރަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ޕީޕީއެމްގެ ބައެއް މެމްބަރުންނާ ދެމެދު ވަނީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. މެމްބަރުން ވަޑައިނުގަތީ އެ ސަބަބާ ހެދި ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކުގެ ބޮޑު ޗުއްޓީއަކަށްފަހު މަޖިލީހުގެ މަސައްކަތް ފަށާފައިވާއިރު ގިނަ މެންބަރުންތަކެއް މާލޭގައި އެބަތިއްބެވިއެވެ. ނަމަވެސް އެރޯދަވިއްލުމަށް ސަރުކާރު ކޯލިޝަން މެމްބަރުން ވަޑައިނުގަތް ސަބަބާ މެދު ސޯޝަލް މީޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ.
މަޖިލީހުގެ ރައީސް ދެއްވި ދައުވަތަކަށް ސަރުކާރު ކޯލިޝަންގެ ގިނަ މެންބަރުން ވަޑައި ނުގެންނެވި މި ދަނޑިވަޅަކީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެކެވެ. ދެފަހަރެއްގެ މަތިން އެމަސައްކަތް ކޮށްފައިވާއިރު މިހާރު އެކަމަށް އެޅިފައިވާ އެނމެބޮޑު އެއް ހުރަކީ މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލެވެ. އެބަދަލުގައި ބުނާގޮތުން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ 42 މެންބަރުންގެ ވޯޓާ އެކުގައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިހާރު އެއަދަދުވެސް ހަމަވެއްޖެ ކަމަށާއި ދާދިއަވަހަށް އެމައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.