މަހުގެ ތަފާތު އެކި ބާވަތްތަކާއި، ޕޭސްޓްރީއަށް ޚާއްސަ ވިޔަފާރި ކުންފުނި އެންޒީން ވިއްކި ރިހާކުރު ފުޅިއަކުން މެއްސެއް ފެނިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަންގާރަދުވަހުގެ ރޭ އެކަމަނާގެ ފޭސްބުކްގައި އަޕްލޯޑްކުރި ފޮޓޯ އަކާއިއެކު ލިޔުއްވާފައިވަނީ، "މި މެއްސަކީ އެންޒީން ގަތް ރިހާކުރު ފުޅީގެ ތެރޭގައި އޮތް މެއްސެއް. އަގުބޮޑުކޮށް ތަކެތި ވިއްކާއިރު ސާފުތާހިރުކަން ކަށަވަރު ވާންޖެހޭ. ދެން ދުވަހަކުވެސް އެންޒީ ރިހާކުރެއް ނުގަންނާނަން" މިހެންނެވެ.
މި ޕޯސްޓާއި ގުޅިގެން ރޮޒެިނާގެ ބަހެއް ހޯދާލުމަށް ގުޅިނަމަވެސް ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން ވަނީ ކޮމެންޓެއް ލިބޭ ގޮތް ނުވެފައެވެ.
ރޮޒެއިނާ މި ޕޯސްޓްކޮށްފައިވަނީ އަންގާރަދުވަހުގެ ރޭ މެންދަމު 12 ވެސް ޖެހިފަހުންނެވެ.
މިނޫނަސް ކާތަކެތި އުފައްދާ ބައެއް ކުންފުނިތަކުން ވިއްކާ ބަންދުކުރި އުފެއްދުންތަކުން ދިރޭތަކެތި ފެނުމަކީ ދޭތެރެ ދޭތެރެއިން ހިނގާކަމެކެވެ. އަދި މިކަމާއި ގުޅިގެން އާއްމުން ޝަކުވާވެސް ކުރެއެވެ.
ފޭސްބުކް ޕޯސްޓްގެ އިތުރުން ރޮޒެއިނާ ވަނީ މިމައްސަލަ ފާހަގަ ކުރައްވާ ޓްވީޓްވެސް ކުރައްވާފައެވެ.
Mi mehi othee Enzi in gaiy mi rihaakuru fulhi therey. Hes kiyaafa agu bodukoh ehchehi vikkaa iru eyge saafuthaahiru kan kashavaru vaanjehey pic.twitter.com/VSv0ylkMQi
— MP Rozaina Adam (@Roxeyna) June 13, 2017