އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަތުލް ކޭޝަޕް ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.
މި ރޯދަ ވީއްލުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ބައެއް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުން ވެސް ބައިވެރިވެ އެވެ. އަދި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މަންމަ އާއި ބްލޮގާ ޔާމީން ރަޝީދުގެ މަންމަ ވެސް މި ރޯދަ ވީއްލުމުގައި ބައިވެރިވި އެވެ.
ކޭޝަޕްގެ މިފަހަރުގެ ދަތުރުފުޅުގައި އައްޑުއަށް ވަޑައިގެން އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވެވި އެވެ. އަދި މާލޭގައި ހުންނަ އެމެރިކަން ސެންޓަރު އެހެން ތަނަކަށް ބަދަލުކޮށް، އެތަން މިއަދު ހުޅުވި އެވެ. އެ ރަސްމިއްޔާތުގައި ކޭޝަޕް ވިދާޅުވެފައިވަނީ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ޑިމޮކްރަސީ އާއި ހަަމަޖެހުމުގެ ނަމޫނާއަކަށް ހެދުމަށް އެމެރިކާއިން އަބަދުވެސް ބޭނުންވާ ކަމަށާއި އެއަޒުމަށް ބަދަލެއް ނާންނަކަމަށެވެ. އަދި ރާއްޖެއަކީ ނަމޫނާ ޑިމޮކްރަސީއަކަށް ވުމަކީ އެމެރިކާއިން އަބަދުވެސް ދެކޭ ތަސައްވުރެއް ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނާނޭ ކަމުގެ ޔަގީންކަން ކެޝަޕް ވަނީ އެރަސްމިއްޔާތުގައި އަރުވާފައެވެ.