Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 19:20
އިސްލާމިކް މިނިސްޓްރ: ޙައްޖުގެ ކަންކަމުގައި ކޮރަޕްޝަން ހިނގާފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ހާމަވެފަ
އިސްލާމިކް މިނިސްޓްރ: ޙައްޖުގެ ކަންކަމުގައި ކޮރަޕްޝަން ހިނގާފައިވާކަން އޭސީސީގެ ރިޕޯޓުން ވަނީ ހާމަވެފަ
މިހާރު
ޙައްޖު 1438
ޙައްޖުގެ އިންތިޒާމުތައް ހުރީ ހަމަޖެހިފައި، މިނިސްޓްރީން ހަދަނީ ދޮގު: ޙައްޖު ގްރޫޕްތައް
ފްލައިޓް ހަމަޖެހުނު ކަމުގެ ލިޔެކިޔުން މިނިސްޓްރީއަށް ހުށަހަޅާފައިވޭ
މިހާރު ހުއްދަދީފައިވަނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން ސަރުޚާރުން ކަނޑައެޅި 3 ކުންފުންޏަކަށް
މިހާރު ފުރުޞަތު ދީފައިވާ ކުންފުނިތަކުގެ ތެރޭގައި ތަޖުރިބާނެތް ކުންފުންޏެއް ހިމެނޭ

ބޮޑު ޚަރަދެއް ކޮށްގެން ޙައްޖު ގްރޫޕްތަކުން، މިނިސްޓްރީއަށް ބިޑް ހުށަހަޅާފައިވަނިކޮށް، މި އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ވަކި ކުންފުނިތަކަކަށް ދިނުމަށް ސަރުކާރުން ނިންމީ ކޮރަޕްޝަންގެ ތެރެއިން ކަމަށާ، މި މައްސަލައިގައި މިނިސްޓްރީން ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ޙައްޖު ގްރޫޕްތަކުން ބުނެފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޖޫން 7 ވަނަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ 4 ގްރޫޕަކަށް ދީފައިވާ ކަމަށާ، އެ ގްރޫޕްތަކަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީން ކުރިން ކޮށްފައިވާ "1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާއި ބެހޭ" އިޢުލާނު ބާޠިލްކޮށް، އަލުން އެ ހުއްދަ ދިނުމަށް ނިންމީ ސަރުކާރުން ކަމަށެވެ.

އެގޮތުން، ޙައްޖަށް މީހުން ގެންދިއުމަށްޓަކައި، ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި، ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރިކަމަށް ސަރުކާރަށް ފެންނާތީ، ޙައްޖަށް މީހުންގެންދާނެ ކުންފުނިތަކެއް ކަނޑައެޅުމަކީ އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް މި އިޢުލާނުގައި ވެއެވެ. އަދި މިއީ މިފަދަ ނާޒުކު ޙަލަތެއްގައި ދިވެހި ޙައްޖާޖީންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައިވެއެވެ.

މިނިސްޓްރީން މިހެން ބުނި ނަމަވެސް، ބައެއް ޙައްޖު ގްރޫޕްތަކުގެ ފަރާތުން ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން، އޭކްރޯ ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަޙުމަދު ޙުސައިން (ވަހީދު) ވިދާޅުވި، ޙައްޖުގެ ކަންކަމުގައި އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށާ، އޭގެ ސަބަބުން ޙައްޖު ގްރޫޕްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަޙުމަދު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަން ހިމެނޭގޮތަށް 4 ކުންފުންޏަކަށް މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިހާރު ދީފައިވާއިރު، އޭގެ ތެރޭގައި ތަޖުރިބާ ނެތް ކުންފުންޏެއްވެސް ހިމެނޭ ކަމަށެވެ. އަދި މިޙާރު ބާތިލްކޮށްފައިވާ ބިޑްގައި، އެ ކުންފުންޏަށް ނާޖާއިޒު ފައިދާތަކެއް ލިބޭގޮތަށް، މިނިސްޓްރީން އަމަލުކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އަޙުމަދު އިތުރަށް ވިދާޅުވީ، ސަރުކާރުން ގްރޫޕްތަކެއް ކަނޑައެޅުމުގައި އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި، ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރިކަމަށް ފެންނަ ކަމަށް ބުނެފައި ވީނަމަވެސް، އެކަންކަން މިހާރުވެސް ބައެއް ގްރޫޕްތަކުން ހަމަޖައްސާފައިވާ ކަމަށާ، ސައުދީ އަރަބިއާއިން އެފަދަ ކަންކަން ޕްރޮސެސްކުރަން ފަށާނީވެސް ހަރޯދައިގެ ފަހުން ކަމަށެވެ. އަޙުމަދު ވިދާޅުވީ، ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ ކަންކަން ހަމަޖެހިފައިވާކަމުގެ ލިޔެކިޔުންތައްވެސް ބައެއް ކުންފުނިތަކުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ތަޖުރިބާ ނެތް ކުންފުންޏަކަށް ފުރުޞަތު ދީފައިވާއިރު ޙައްޖަށް މީހުން ގެންދިއުމުގައި މެދުނުކެނޑި 10 އަހރު، އަދި 8 އަހަރު މަސައްކަތްކޮށްފައިވާ ކުންފުނިތަކަށް ފުރުޞަތު ދީފައި ނުވާކަން އަޙުމަދު ފާހަގަކުރެއްވިއެވެ. 

ޙައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ގްރޫޕްތަކަށް އެކަމަށް ކުރިމަތިލައި ބިޑް ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅިގެން، މިނިސްޓްރީން ތިރީސްހާސް ރުފިޔާއަށް ވިއްކި ބިޑް ފޮތް ގަނެ، ލައްކައިން ޚަރަދުކޮށްގެން 16 ކުންފުންޏަކުން ވަނީ ބިޑް ހުށަހަޅާފައެވެ. ނަމަވެސް ބިޑް އިވެލުއުއޭޓް ކުރުމުގައި އުސޫލާއި ޚިލާފު، ކޮރަޕްޝަން ހިމެނޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް އޭސީސީން ނިންމައި، އޭސީސީން ވަނީ ކުރިން ހުށަހެޅި ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އުސޫލުން ބޭރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް