ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު އަންގާރަ ދުވަހު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނަކާއި އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.
އުމުރުން 40 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހެންވޭރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހުގައެވެ. އެގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ 40 ކޮތަޅާއި ޕްލާސްޓިކް ތައްޓެއްގެ އިތުރުން ދެ ރަބަރު ގަނޑާއި ޑިޖިޓަލް ކައްޓާއަކާއި ވޮލެޓެއްގެ ތެރެއިން 5000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އުމުރުން 35 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޮޑުތަކުރުފާނު މަގުގައި ޕާކްކޮށްފައި އޮތް އޭނާގެ ކާރުތެރެއިންނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކާރު ބަލައިފާސްކުރިއިރު އެކާރު ތެރެއިން 30000 ރުފިޔާ އާއި ބޭރު ފައިސާތަކެއްގެ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު 34،000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި 14،600 އަށްވުރެ ގިނަ ޑޮލަރާއި ލިޔެކިޔުންތަކެއްގެ އިތުރުން ފޯނުތަކެއް ވެސް ފެނިފައިވެއެވެ. މީގެއިތުރުން އެގެއިން ފެނުނު އައިނު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 7 ރަބަރު ކޮތަޅު އަތުލައި ގަނެފައިިވެއެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ޖަހާ ފައެވެ.
މި މައްސަލަ ޑްރަގް އެންފޯރސްމެންޓް ޑިޕާރޓްމެންޓް އިން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.