Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 14:12
ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ތިން ބޭފުޅުން
ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ތިން ބޭފުޅުން
ފޭސްބުކް
އެލްޖީއޭ ބޯޑު
އެލްޖީއޭގެ ބޯޑަށް ރައީސް ޔާމީން އައްޔަން ކުރެއްވި ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވައިފި
މި ތިން މެމްބަރުންގެ އިތުރުން އެމްޖީއޭ ބޯޑުގައި ދެން ހިމެނެނީ މިނިސްޓަރަކާއި އެލްޖީއޭގެ ސީއީއޯ
އެލްޖީއޭގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ
އެލްޖީއޭގެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ތިން ނަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ފީފިއެވެ.

އެ މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ނެވެ. އެ ކޮމެޓީން ވެސް ނިންމާފައިވަނީ އެ ތިން ބޭފުޅުންނަށް ރުހުން ދިނުމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު އަލުން އެކުލަވާލާ އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ތިން ބޭފުޅުންނަށް ކޮމެޓީން ރުހުން ދިނީ 90 ޕަސެންޓަށް ވުރެ މަތިން މާކްސް ދިނުމަށް ފަހު އެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަޖިލީހަށް ފޮނުވާފައިވާ ތިން ބޭފުޅުންނަކީ، އެލްޖީއޭ ބޯޑުގައި ހިމެނޭ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރެއްގެ ގޮތުން، މިންނާ ރަޝީދު، ހަތިކޮޅު، ފ. ނިލަންދޫ އާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއްގެ ގޮތުން، އަހުމަދު ހަސަން، ސ. ހިތަދޫ ފަރުދާބަގީޗާގެ، އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ ގޮތުން، އާމިރު އަލީ، ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫއެވެ.

އާމިރު އަލީ އަށް 49 ވޯޓު ލިބިލައްވާފައިވާއިރު އަހުމަދު ހަސަން އަށް 48 ވޯޓް އަދި މިންނާ ރަޝީދުއަށް 49 ވޯޓް ލިބިލައްވާފައިވެއެވެ.

އެ ތިން މެމްބަރުންގެ އިތުރުން އެލްޖީއޭ ބޯޑުގައި ދެން ހިމެނޭ ދެ މެމްބަރުންނަކީ އެލްޖީއޭ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މިނިސްޓަރަކާއި އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. 

މީގެ ކުރިން އެލްޖީއޭ ބޯޑުގައި ނުވަ މެމްބަރުން ތިއްބަވައެވެ. އެލްޖީއޭގެ ބޯޑަށް މި ބަދަލުތައް ގެނެސްފައި މި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، އެބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.

މީގެ އިތުރުން ވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ކުރިން އެލްޖީއޭ ބޯޑު އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް