ސައުތު ކޮރެއާގެ އުލްސަން ސިޓީގައި ޖޫން 24ން 25ށް ކުރިއަށްދިޔަ "ދަ ވޯރލްޑް ޓޫރިޒަމް އިންޑަސްޓްރީ ކޮންފަރެންސް"ގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި މިނިސްޓަރ މައުސޫމް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަމާއި، ކޮވިޑް ޕެންޑެމިކުން އަރައިގަނެ ފަތުރުވެރިކަން އާރާސްތުކުރުމަށް ރާއްޖޭގައި ކުރެވުނު މުހިންމު ކަންތައްތަކާއި، ކޮމިޔުނިޓީ ބޭސްޑް އިކޯ ޓޫރިޒަމްގެ މައްޗައް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޓޫރިޒަމް އަލަށް އާލާވުމުގެ މުހިންމު އެއް ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިސްވެހުންނަވައިގެން، ފަތުރުވެރިކަމުގެ ހިއްސާވެރިންނާއި މަސްލަހަތުވެރިންނާއި ސިއްހީ ދާއިރާގެ މާހިރުންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު އަޅުއްވަމުން ގެންދެވި، ހާލަތާގުޅޭ ހަރުދަނާ ފިވަޔަޅުތައްކަން ފާހަގަ ކުރެއްވިއެވެ.
މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އުލްސަންގެ މޭޔަރ ސޮންގ ޗަލްހޯއާއި، އިންޓަރނޭޝަނަލް ޓޫރިޒަމް ފޯރަމް (އައި.ޓީ.އެފް)ގެ ޗެއަރމަން ޔޫ ޖިން ޔޮންގއާއި ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯރގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ)ގެ އޭޝިއާ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރ ހެރީ ހްވަންގ ވާހަކަފުޅު ދެއްކެވިއެވެ. އެކި ގައުމުތަކުގެ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އިންޑަސްޓްރީގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި މިކޮންފަރެންސްގައި، އިކޯޓޫރިޒަމަށް އިހުތިރާމްކުރުމުގެ އެއްބަސްވުމެއްގައި ވަފުދުތަކުގެ ވެރިން ސޮއިކުރެއްވިއެވެ.
މި ކޮންފަރެންސް ހޯސްޓް ކޮށްފައިވަނީ ޔޫއެންޑަބްލިއުޓީއޯއާއި އިންޓަރނޭޝަނަލް ޓޫރިޒަމް ފޯރަމްއާއި އުލްސަން މެޓްރޮޕޮލިޓަން ސިޓީގެ ފަރާތުންނެވެ. އަދި މި ކޮންފަރެންސް އޯރގަނައިޒްކޮށްފައިވަނީ ކޮރެއާ ޓޫރިޒަމް އޯރގަނައިޒޭޝަން (ކޭޓީއޯ) އާއި ކޮއިރާ ވޯރލްޑް ޓްރެވަލް ފެއަރ (ކޭއޯޓީއެފްއޭ)ގެ ފަރާތުންނެވެ. މިކޮންފަރެންސް ބާއްވާފައިވަނީ 37 ވަނަ ސިއޯލް އިންޓަރނޭޝަނަލް ޓްރެވަލް ފެއަރއާ ގުޅުވައިގެންނެވެ.