ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 12:02
އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް
އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް
ގޫގުލް
ޖިނާއީ އިޖުރާއަތުގެ ގާނޫނު
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި
މީގެކުރިން މިއަހަރުގެ ޖެނުއަރީ ދެ ވަަނަ ދުވަހު އަމަލު ކުރުމަށް އޮތީ، ފަހުން ޖުލައި ދެ ވަނަ ދުވަހަށް ބަދަލުކުރި
އެ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށް އެޓާރނީ ޖެނަރަލާއި ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ކުރިން ވިދާޅުވެފައިވޭ
އެ މުހިއްމު ބިލަށް އެއްވެސް މެމްބަރަކު ބަހުސް ކުރުމަށް އެދިއެއް ނުލެއްވި

ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވެ، ނަމަވެސް އެ ގާނޫނަށް އަމަލު ކުރުން ތަކުރާރުކޮށް ފަސްކުރަމުން ގޮސް، އެންމެ ފަހުން އެ ގާނޫނަށް ބޮޑެތި ގިނަ ބަދަލުތަކެއް ގެނައުމަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންެގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ހުށަހެޅުއްވި އެބިލްގައި 99 މާއްދާ ހިމެނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނެނީ 213 މާއްދާ އެވެ.

މީގެ ކުރިން އެގާނޫނަށް އަމަލު ކުރުން ފަސްކުރަމުން އައިސް، މިއަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފަށާ ގޮތަށް އޮތްއޮތުން ބަދަލުކޮށް ޖުލައި މަހުގެ ދެވަނަ ދުވަހަށް އަމަލުކުރަން ފަށާ ގޮތަށް މަޖިލީހަށް ހުށަހެޅުމަށް ފަހު ވަނީ ފާސްކޮށްފަ އެވެ.

މުބީން ހުށަހެޅުއްވި އިސްލާހު ގެނައުމުގެ އެބިލްގައިވާ ގޮތުން ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިހާރު އަމަލުކުރަށް އޮތް ދުވަހަށް ބަދަލުގެންނަށް ހުށަހަޅުއްވާފައެއް ނުވެއެވެ. މިހާރު ވެސް އޮތްގޮތަށް މުބީނު ހުށަހެޅުއްވި ބިލުގައި ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމަށް އޮތީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް އެބިލް އެޖެންޑާ ކޮށްފައިވާއިރު، އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ދަށުން، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އަހާ، ބަހުސް ކުރުމަށް ފެންނަކަމަށް ފާސްވެއްޖެ ނަމަ ބަހުސް ކުރާ ގޮތަށެވެ.

އެބިލަށް ބަހުސް ކުރުމަށް ފެންނަ ކަމަށް 27 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ބަހުސްކުރެއްވުމަށް އެދިވަޑައިގަންނަވާ މެމްބަރުން އެކަމަށް އެދިވަޑައިގަތުމަށް ވަރަށް ކުޑަ ވަގުތުކޮޅެއް ދެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އެއްވެސް މެމްބަރެއް އެ ބިލަށް ބަހުސްކުރައްވަން އެދިލައްވާފައިނުވާ ކަމަށް އިއުލާންކުރައްވައި ބަހުސްކުރުމުގެ މަރުހަލާ ނިންމާލައްވާފަ އެވެ. މަޖިލީހުގެ ރައީސް އެ ގޮތަށް އަމަލުކުރެއްވުމުން އިދިކޮޅު މެންބަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. 

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލަށް އެއްވެސް މެމްބަރަކު ބަހުސް ކުރައްވާފައިނުވާކަން ފާހަގަ ކުރެވުނުއިރު، މިއީ ޖިނާއީ އަދުލްގެ ނިޒާމުގައި ވަރަށް މުހިއްމު ބިލެކެވެ. މީގެ ކުރިން މަޖިލީހަށް ޖިނާއީ އިޖުރާއަތުގެ ބިލު ހުށަހެޅުނުއިރު، ގިނަ މެމްބަރުން އެ ބިލްގެ މުހިއްމު ކަމާ މެދު ވާހަކަ ދައްކެވި ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި އެކަމެއް ނުފެނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފެށިއިރު، ހާޒިރުވެވަޑައިގަންވާފައި ވަނީ ވެސް ކިރިޔާ ކޯރަމް ހަމަވާވަރަށް މެމްބަރުން ތިއްބަވައިގެންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅިގެން އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝަމް ވިދާޅުވެފައި ވަނީ އެގާނޫނަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ގެންނަންޖެހޭ ބަދަލުތަކުގެ މާބޮޑު ތަފްސީލެއް އޭރު ނުދެއްވި ނަމަވަސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ އެބިލަށް ވަރަށް ގިނަ އިސްލާހުތައް ހުށަހަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

- ކޮމެންޓް