ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ ތިން މީހުންނަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ، ލޯންޗް އެކްސިޑެންޓާ ގުޅިގެން އެ ހޮސްޕިޓަލަށް ގެންދިޔަ 14 މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ ތިން މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އައިސީޔޫގައި ފަރުވާދޭ މީހަކާއި ވޯޑްގައި ފަރުވާދެމުންގެންދާ ދެ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ތެރެއިން ވޯޑްގައި ފަރުވާ ދެމުންގެންދާ، ދެ މީހުން، ހޯމަ ދުވަހު ނުވަތަ އަންގާރަ ދުވަހު ދޫކޮށްލެވޭނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.
ލޯންޗު އެކްސިޑެންޓާ ގުޅިގެން އައިސީޔޫގައި ފަރުވާދޭ މީހާގެ ހާލު ވެސް ވަރަށް ބޮޑުތައް ރަގަޅުވެފައިވާ ކަމަށާއި، އޭނާވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި، ވޯޑަށް ބަދަލުކުރެވޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.
މިހާދިސާގައި އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ސ.މީދޫ ހަނދުވަރުމަތީގޭ އަލީ ވަސީމުގެ ހާލު ވަރަށް ބޮޑުތަން ރަގަޅު ކަމަށް އޭޑީކޭ އިން ބުނެފައިވާ އިރު، މި އެކްސިޑެންގައި އޭނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާ އަދާ ކުރާ އުމުރުން 30 އަހަރުގެ ވަސީމުގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކާގުޅިގެންއޮޕަރޭޝަނެއް ވެސް ކޮށްފައި ވެއެވެ.
ސަމާ އައިލެންޑް ރިސޯޓުން މީގެ ކުރިން ބުނެފައި ވަނީ، އަނިޔާ ލިބުނު މުވައްޒަފުންގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުންގެ ލަފާ ދެއްވާފައިވާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ސަމާ އައިލެންޑް ރިސޯޓްގެ ބަޔާނުގައި ވެއެވެ.
މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު، ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދެއްގައި ޖެހިއެކްސިޑެންޓް ހިނގާފައި ވަނީ ދެ ފަރާތުގެ ވެސް އިހްމާލު އޮވެގެން ކަމަށް އެމްއެންޑީއެފް އިން މި ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.
އެއްވެސް އުޅަނދެއް ދުއްވަން އިންނަ މީހާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް ބާރު ސްޕީޑްގައި ދުއްވުމަކީ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބު ކަމަށާއި ދަތުރަށް ފެށުމުގެކުރިން އުޅަނދުގެ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށާއި މޫސުމަށް ބެލުމަކީ ފަރުވާކުޑަ ނުވުމަށް އެމްއެންޑީއެފް އިން ބުނެ އެވެ.