ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމާދް އައްސާނީ މިސްރަށް ދެދުވަހުގެ ދަތުރުފުޅެއްކުރައްވައިފިއެވެ. ކައިރޯ އިންޓަރނޭޝަނަލް އެއާޕޯޓުން ގަތަރުގެ އަމީރަށް މަރުހަބާދެންނެވީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއެވެ.
ހުކުރު ދުވަހު ފެއްޓެވި މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ބޭނުމަކީ އެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އައު އުސްމިނަކަށް ގެންދެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރެއްވުމެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މަސްރަހުގައި މިހާރު ކުރިޔަށްދާ ކަންކަމުގެތެރެއިން ދެބޭފުޅުން ޝައުގުވެރިވެވަޑައިގަންނަވާ ބައެއްކަންކަމާ ބެހޭގޮތުން ޚިޔާލުފުޅު ބަދަލުކުރައްވާފައިވެއެވެ.
ގަތަރާ މިސްރާ ދެމެދު ފުރަތަމަ ގުޅުން ގާއިމުކުރެވުނީ 1972ގައެވެ. ނަމަވެސް ދިމާވި ތަފާތު ކަންތައްތަކަކާ ގުޅިގެން މިގުޅުންތައް އަހަރުތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވަނީ 20 ޖެނުއަރީ 2021ގައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
