ބައިނަލްއަގްވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "މޯލްޑިވިއަން ބްލަޑް ޑޯނާސް" އިން ހަވީރެއް ބާއްވަން ނިންމައިފި އެވެ.
ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. މިދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން "މޯލްޑިވިއަން ބްލަޑް ޑޯނާސް" އިން ބާއްވާ ހަވީރު އޮންނާނީ ޖޫން މަހުގެ 14 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި ރަސްފަންނުގަ އެވެ.
"މޯލްޑިވިއަން ބްލަޑް ޑޯނާސް" އިން ބާއްވާ ހަރަކާތުގައި، އާއްމުކޮށް ލޭ ހަދިޔާކުރަމުންދާ 200 އެއްހާ މީހުން، ވައިގެ ތެރެއަށް ފުއްޕާހަން ދޫކޮށްލުމުގެ ހަރަކާތެއް އޮންނާނެ އެވެ. އަދި އާއްމުކޮށް ލޭ ހަދިޔާކުރާ މީހުންނަށް "މޯލްޑިވިއަން ބްލަޑް ޑޯނާސް" ގެ ފަރާތުން ފިނިފެންމާ ދިނުމުގެ ހަރަކާތެއް ވެސް އޮންނާނެ އެެވެ.
މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން މޫނުގައި ކުރެހުމުގެ ހަރަކާތެއް ވެސް ކުރިއަށްދާނެ އެވެ. އަދި ހަވީރުގައި ބައިވެރިވާ ކޮންމެ ކުޑަކުއްޖަކަށް ވެސް "މޯލްޑިވިއަން ބްލަޑް ޑޯނާސް" ގެ ފަރާތުން ހަދިޔާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން "އައިރަނާސް" ގެ ޚާއްސަ ދުވުމެއް ވެސް ހަވީރު މި ހަރަކާތް ފާހަގަކުރަމުންދާ ވަގުތު އޮންނާނެ އެވެ.
"މޯލްޑިވިއަން ބްލަޑް ޑޯނާސް" އަކީ ލޭ ހަދިޔާ ކުރުމާއި ގުޅޭ ގޮތުން މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުވައި ލޭ ހަދިޔާކުރުމަށް ބާރު އެޅުމަށް މަސައްކަތްކުރުމުގެ ގޮތުން 2009 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު ރަޖިސްޓްރީ ކުރެވިފައިވާ ޖަމިއްޔާ އެކެވެ.
"މޯލްޑިވިއަން ބްލަޑް ޑޯނާސް" ގެ ފޭސްބުކް ޕޭޖްގައި 23،000 ފޮލޯވަރުން ތިބޭއިރު، މިއަދު އެ ޕޭޖް ވެފައިވަނީ ރާއްޖޭގައި ލޭ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ޕޭގަކަށަވެ. އިމަޖެންސީގެ ހަލާތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް ލޭދޭނެ ފަރާތްތައް އެ ޕޭޖް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ހޯދޭ ހޯދުމަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މައިގަނޑު އެއް ސަބަބެވެ.