ސޯމާލިއާގެ ކަބާސާ ޕްރައިމަރީ ސްކޫލްގެ ދޮރޯށި ކައިރީގައި ސަފުހަދަމުން ދިޔަ ކުދިންގެ ލީޑަރަކަށް ހުރީ، ބަލާބެލުމަށް ޖެހިލުން ކުޑަ، އަމިއްލަ ނަފުސުގެ މައްޗަށް ފުރިހަމަ އިތުބާރު އޮތް ކަމާ މެދު ދެބަސްވެވެން ނެތްހާ ސާބިތުކަން ދައްކަމުން ދިޔަ، އުމުރުން އެންމެ 11 އަހަރުގެ ބަޝީރު ނޫރު ޞަލާތެވެ. އެއީ ހެނދުނުގެ ނާސްތާ ގަޑިއާއި މެންދުރުގެ ކޭމުގެ ވަގުތުގައި އެކަން ހިނގާ ގޮތެވެ. އދގެ އެހީއާއެކު ހިންގާ މަޝްރޫއުގެ ތެރެއިން ބަތްޕެން ތައްޓެއް ނޫނީ ފެނުކެއްކި ފެހިކޮޅަކާއި ޒުވާރި ކޮޅެއް، ދަރިވަރުން ކަމުންދާ މަންޒަރު ބަލަން، ބަޝީރު ހުންނަ މަންޒަރު ފެނުނު މީހެއްގެ ލޮލުން ކަރުނަ އަޅާނެއެވެ. ބަޝީރާއި އޭނާގެ އެކުވެރިން، ސްކޫލްގެ ގޯތި ތެރެއަށް ލޫދެމުން ދަނީ، ޓީޗަރެއްގެ ރާޑަރަށް ނާރާ، ކާއެތިކޮޅެއް އަތުޖެހޭތޯއެވެ.
ދުނިޔެ ހޫނުވަމުންދާ ދިއުމާ، ގުދުރަތީ ކާރިސާތައް އިތުރުވަމުންދާއިރު، މިއީ ސޯމާލިއާގެ އިތުރުން އެހެން މަންޒިލްތަކުގައިވެސް އާންމު ކަމަކަށް ވެދާނެ ކަމުގެ އިންޒާރު، ސައެންސްވެރިން ވަނީ ދީފައެވެ. މި ދަނޑިވަޅަކީ ފާއިތުވީ 40 އަހަރު ދެކެފައި ނުވާ ފަދަ ހަނަފަސްކަން ކުރިމަތިވެ، ފިނިހޫނުމިން މައްޗަށް ދިއުމުގެ މައްސަލައާ ސޯމާލިއާއަށް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާއެކު ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދާ އިރު، އާންމު ރައްޔިތުންނާއި އެހީ ދޭ ޖަމިއްޔާތަކުން ކުރަން ޖެހޭ ހޭދަ ބޮޑުވެ، ޑޯނަރުގެ އެހީ ދަނީ ހީނަރުވަމުންނެވެ. އަލް-ޤައިދާ ޖަމާއަތާ ގުޅުން އޮންނަ ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ބައެއް ސަރަހައްދުތައް ދޫކޮށް ދިއުމުގެ ހުއްދަވެސް ބައެއް ހާލަތްތަކުގައި ނޯވެއެވެ.
ކަން ދިމާ ކުރި ގޮތުން ބަޝީރަށް އުޅެން ޖެހިފައި ވަނީ އެންމެ ވަރުގަދަ 3 ކާރިސާ ބެދޭ ހަތަރު އަނގޮޅީގެ މެދުގައެވެ. މޫސުމީ ނެދޭވެ ބަދަލުތަކާއި، އަގުތައް އުފުލުމާއި ކުރިމަތިލުންތަކުގެ މެދުގައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އޮކްސްފާމްއާއި ސޭވް ދަ ޗިލްޑްރަންއިން އަންދާޒާ ކުރާ ގޮތުގައި، ހަނަފަސްކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފައި ވާ އިތިއޮޕިއާ، ކެންޔާ އަދި ސޯމާލިއާއިން ބަނޑަށް ޖެހިގެން ކޮންމެ 48 ސިކުންތަކުން މީހަކު މަރުވެއެވެ.
މެންދުރު ކާ ގަޑިއަށް އަހަރެން މިތަނަށް އަންނަނީ، ގޭގައި ކާނެ އެއްޗެއް ނުހުންނާތީ. އަހަރެން މި ހުންނަނީ ވަރަށް ބަނޑުހައިވެފަ. އޮށޯވެލައިގެންވެސް އޮންނަން. މަށަކަށް ނުވެސް ނިދޭ. ބައެއް ފަހަރު ކާއެތިކޮޅެއް ދޭނެ، އަނެއްބައި ފަހަރު ނުދޭނެބަޝީރު ނޫރު ޞަލާތު/ ގެދޮރު ގެއްލިފައިވާ ކުޑަކުއްޖެއް
ބަޝީރުގެ އާއިލާގައި 8 ކުދިން ތިބިއިރު ރޭގަވެސް ކެއުމެއް ނުލިބުނުތާ، ހެނދުނުގެ ނާސްތާވެސް އޭނާގެ ގޭގައި ނެތެވެ. އެފަދަ ހާލެއްގައި ހުރި ބަޝީރަށް ހެޔޮ އެދޭ ދަރިވަރުންގެ އެހީ، ކޮންމެވެސް ވަރަކަށް ލިބެއެވެ. ސްކޫލު ކުދިން ހެދުން އަޅާ ގޮތަށް ހެދުން އަޅާ، ފޮތެއް ދީގެން ދަރިވަރެއްގެ ސިފަ ޖައްސަން އެހީވެއެވެ. ނަމަވެސް އެ ސްކޫލަކީވެސް ނިސްބަތުން ފަގީރު ކުދިން ގިނަ ސްކޫލެއް ކަމުން، ޔުނީފޯމްލައިގެން ސްކޫލަށް ދެވޭ ދަރިވަރުންގެ އަދަދު މަދެވެ. ހުރިހާ ކުދިންނަށް ފޮތެއްވެސް ނުހޯދެއެވެ. ނަމަވެސް، އެހެން ކުދިންނާ ބަޝީރު ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ، ސްކޫލުގެ ޓީޗަރުންނަށް ބަޝީރުގެ މޫނު ދަސްވެފައި އޮތުމެވެ. ނަމަވެސް، ބަޝީރުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.
އަހަރެން ސްކޫލަށް ދާން ބޭނުން. ހުރިހާ ބަހެއް ދަސްކުރަން ބޭނުން. ބައިނަލްއަގުވާމި ޖަމިއްޔާއެއްގަ މަސައްކަތް ކުރަން ބޭނުމީ. ބޮޑު ކާރެއްވެސް ހޯދާނަން. އަހަރެންގެ އާއިލާއާއި، ދަރިންނަށްވެސް ކާންބޯންދޭނަންބަޝީރު ނޫރު ޞަލާތު/ ގެދޮރު ގެއްލިފައިވާ ކުޑަކުއްޖެއް
ބަޝީރުގެ އާއިލާއިން މިހާރު ދިރިއުޅެމުންދާ ޑޮލޯވް ސަރަހައްދަށް ބަދަލުވީ މީގެ 3 މަހެއްހާ ދުވަސް ކުރިންނެވެ. ހަނަފަސްކަމުގެ ސަބަބުން، ނާމްސޫފި ގެންގުޅެ، ބެލެހެއްޓޭ ގޮތް ނުވުމުންނެވެ. މިފަދަ ހަނަފަސްކަމެއް، ބަޝީރުގެ މަންމަގެ ހަޔާތުގައިވެސް އޭނާ ދެކެފައި ނުވެއެވެ.
މިވަރުގެ ހަނަފަސްކަމެއް، މީގެ ކުރިއަކުން ނުދެކެން. އަހަރަމެންގެ ދަރިންނަށްޓަކާ މަސައްކަތް ކުރާނެ ތަނެއް ނެތް. މިކަމުން މިންޖުވޭތޯ ﷲއަށް ދުޢާ ކުރަންހަލީމާ އިބްރާހީމް މުދޭ/ ގެދޮރު ގެއްލިފައިވާ މައެއް
ބަޝީރުގެ މަންމަ ފަދައިން ސޯމާލިއާގެ ރައްޔިތުން ތިބީ މުސްލިމުން އަޚުންނާއި އުޚުތުންގެ އެހީގެ އިންތިޒާރުގައެވެ.
އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ ސަބަބުން ކުރިމަތިވި އެކި ސިއްހީ މައްސަލަތަކުގައި މި އަހަރުގެ ޖެނުއަރީ ފެށިގެން އެކަނިވެސް 448 ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއީ ރަސްމީ އަދަދުތަކެވެ. ގިނަ ބަޔަކަށް އެހިއާ ހިސާބަށްވެސް ދެވެން ނެތުމުން، ހަގީގީ އަދަދުތައް އަދި އެއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެއެވެ.
އިންސާނީ އެހީގެ ގޮތުގައި ސޯމާލިއާއަށް މި އަހަރު 1.46 ބިލިއަން ޑޮލަރު ބޭނުންވި ނަމަވެސް، މިހާތަނަށް ލިބިފައި ވަނީ އޭގެ އެންމެ 18 ޕަސެންޓެވެ. ނަމަވެސް ޔޫކްރައިނުން 6 މަސް ދުވަހުގެ އެހީގެ ގޮތުގައި ހޯދުމަށް އެދުނު 2.25 ބިލިއަން ޑޮލަރުގެ 71 ޕަސެންޓް މިހާރުވެސް ލިބިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.