ފިތުރު އީދު ދުވަހުގެ ބަންދު ދުވަސްތަކުގެ ތެރޭގައި މިމަހުގެ 28 ވަނަ ދުވަސް ހިމެނުނު ނަމަވެސް އެ ދުވަހު މާލީ އިދާރާތަކުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީ އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، 1438 ވަނަ އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި މިމަހުގެ 28 ވަނަ ދުވަހައި 29 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންނަމަވެސް، އެ އިދާރާ އާއި ބޭންކްތަކާއި އެމްއެމްއޭއިން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް ހިދުމަތް ދިނުމައްޓަކާއި މިމަހުގެ 28 ވާ ބުދަ ދުވަސް ހުޅުވިފައި ހުންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ބޭންކިން ހިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ހެނދުނު 10:30 ހުން މެންދުރު 01:00 އަށް ކުރިއަށްދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެމއެމްއޭގެ ވަކިލާރި ދޫކުރުމުގެ ހިދުމަތް ހެނދުނު 01:30 ހުން މެންދުރު 12:00 އަށް ކުރިއަށްދާއިރު ސިޓީ އާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެސް ހެނދުނު 10:30 ހުން 01:00 އަށެވެ.
މިދިޔަ ހަފްތާގައި ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް ޖޫން މަހުގެ 25 ވާ އާދިއްތަ ދުވަސް، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާއިފި ނަމަ، ޖޫން މަހުގެ 28 އަދި 29 ވާ ބުދަ ދުވަހާއި ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޖޫން މަހުގެ 25 ވާ އާދިއްތަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ އެދުވަސް ސަރުކާރު ބަންދު ދުވަހަކަށް ނުވާނޭ ކަމަށާއި އެހެންނަމަވެސް، ފިތުރު ޢީދުގެ ބަންދު 3 ދުވަސް ކަމުގައިވާ ޖޫން މަހުގެ 26،27،28 ގެ އިތުރުން ޖޫން 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.