Advertisement
ކ. މާލެ
|
12 ޖޫން 2017 | ހޯމަ 12:05
ޕެޓްރޯލް ސެޑެއް: ތެލުގެ ޑިއުޓީ ކުޑަކުރަން ސަރުކާރުން ހުށަހަޅާފައި ވަނީ ފަސް ޕަސެންޓަށް
ޕެޓްރޯލް ސެޑެއް: ތެލުގެ ޑިއުޓީ ކުޑަކުރަން ސަރުކާރުން ހުށަހަޅާފައި ވަނީ ފަސް ޕަސެންޓަށް
ސަން
ތެލުގެ ޑިއުޓީ
ތެލުގެ ޑިއުޓީ  ސުން ޕަސެންޓަށް ހެދުމަށް އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފި
ތެލުން މިހާރު ނަގަނީ 10 ޕަސެންޓް ޑިއުޓީއެއް
ތެލުން ޑިއުޓީ ނަގަން ފެށީ މި ސަރުކާރުން
ތެލުގެ ޑިއުޓީ ކުޑަކުރަން ހުށަހެޅީ އިހްލާސްތެރި ކަމެއް އޮވެގެން ނޫން ކަަމަށް ބައެއް މެމްބަރުން ވިދާޅުވި

ތެލުގެ ބާވަތްތަކުގެ ޑިއުޓީ ސުން ޕަސެންޓަށް ހެދުމަށް އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފި އެވެ.

 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް ތެލުން ޑިއުޓީއެއް ނުނަގަ އެވެ. މި ސަރުކާރުން ތެލުގެ ބާވަތްތަކުން 10 ޕަސެންޓްގެ ޑިއުޓީއެއް ނަގަން ފެށުމަށް ފަހު، ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

 

ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ހުށަހެޅުއްވި މި ބިލްގެ ބަހުސްގައި އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނީ ޑިއުޓީ 10 ޕަސެންޓުން، ފަސް ޕަސެންޓަށް ހަމަޖެއްސުމަކީ ހަގީގަތުގައި ތެލުގެ ޑިއުޓީ ކުޑަކުރުމެއް ނޫން ކަމަށެވެ.

 

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މި ބިލް މަޖިލީހަށް ބަލައި ގަތުމަށް ތާއިދުކުރާ ކަމަށާއި ނަމަވެސް ތެލުގެ ބާވަތްތަކުގެ ޑިއުޓީ ސުން ޕަސެންޓަށް ގެންނަން ޖެހޭ ކަމަށެވެ.

 

މި ބިލަށް ކޮމިޓީގައި މަޝްވަރާކުރާއިރު ބަދަލު ގެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކޮށްފި ނަމަ ތެލުގެ ޑިއުޓީން ލިބޭ އާމްދަނީ 50 ޕަސެންޓް އުނިވެގެންދާނެކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ބަޖެޓަށް ކުރާނެ އަސަރު ސަރުކާރުން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި މިފަދަ ކަންކަމަށް ކޮމިޓީގައި މަޝްވަރާކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

 

ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު މިހާރު ހުރި މިންވަރާ އަޅާބަލާއިރު، ރާއްޖޭން މިހާރު ވެސް ތެޔޮ ވިއްކަނީ އަގުބޮޑުކޮށް ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މި ބިލް ފާސްވެއްޖެ ނަމަ ތެލުގެ އަގު ހެޔޮވާންޖެހޭނެ ކަމަށާއި އެ އަސަރު ރައްޔިތު މީހާއަށް އިހްސާސްވާންޖެހޭނެ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮވެ، ދަތުރުފަތުރުގެ އަގާއި ކަރަންޓްގެ އަގު ހެޔޮވާންޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ތެލުގެ ބާވަތްތަކުގެ ޑިއުޓީ ސުން ޕަސެންޓަށް ކުޑަކުރަން ޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ވިދާޅުވި އެވެ. 

 

"މިއީ ގެންނަން ޖެހި މާލަސްވެފައިވާ ބަދަލެއް. މި ބަދަލު ގެންނަން ޖެހޭނީ ކުރިން އޮތް ގޮތަށް ސުން ޕަސެންޓަށް، ޑިއުޓީ ނުނަގާ ބާވަތަކަށް [ތެލުގެ ބާވަތްތަތައް] ހެދުން،" އަލީ ހުސައިން ވިދާޅުވި އެވެ. 

 

 ތެލުން ޑިއުޓީ ކުޑަކޮށްގެން ބަޖެޓަށް އަންނަ ލޮޅުމަކީ، ރައްޔިތުންނަށް ދޭ  ހިދުމަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުން ހުއްޓާލުމުގެ އުޒުރެއްގެ ގޮތުގައި ނުހެދުމަށް ވެސް އަލީ ހުސައިން ގޮވާލެއްވި އެވެ. 

 

ޕީޕީއެމްއިން ވަކިކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނީ އިހްލާސްތެރި ކަމާއެކުގައި ކަމަށާއި، ޑިއުޓި 10 ޕަސެންޓަށް ހެދުމަށް ފަހު 5 ޕަސެންޓް ކުޑަކުރުމުން އެއީ އިހްލާސްތެރިކޮށް ކުރި ކަމެއް ކަމަށް ދޭހަ ނުވާ ކަމަށެވެ. 

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ތެލުގެ ޑިއުޓީ ކުޑަކުރަން ހުށަހެޅީ ރައްޔިތުންނަށް ފައިދާއެއް ހޯދައިދިނުމަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިކަމުގައި ފޮރުވިފައިވާ ކަމަކީ، އާޒިމް ވިދާޅުވި ގޮތުގައި، ސަރުކާރާ ގާތް ބަޔަކު ތެޔޮ އެތެރެކުރަން އުޅުމެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް