Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 23:40
އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް
އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް
ރާއްޖެއެމްވީ
ޖީ7 ގެ ބައްދަލުވުން
ޖީ7 ގެ ބައްދަލުވުމަށް މިނިސްޓަރ ތޯރިގް އިޓަލީގައި
މި ބައްދަލުވުމުގައި މިނިސްޓަރ ވަޑައިގެންނެވީ ދަޢުވަތު ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނިގެން
ކުދި ޤައުމުތަކުގެ މަސްލަޙަތާއި ގުޅޭގޮތުން ރާއްޖެއިން ވާހަކަ ދައްކާނެ

މިމަހުގެ 11-12 އަށް އިޓަލީ ވިލާތުގެ ބޮލޯނާގައި ބާއްވާ ޖީ7 ނުވަތަ ދި ގްރޫޕް އޮފް ސެވަންގެ، އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް އިޓަލީއަށް ވަޑައިގެންފިއެެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނީ، މި ބައްދަލުވުމަކީ، ޖީ7 ގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ޤައުމުކަމަށްވާ އިޓަލީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ޖީ7 ގެ މެންބަރު ޤައުމުތައްކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާން، ޖަރުމަން، ފްރާންސް އަދި އިޓަލީގެ މިނިސްޓަރުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ އެންވަޔަރަންމަންޓް އަދި ކުލައިމެޓް ޗޭންޖްގެ ކަމިޝަނަރުންވެސް ބައިވެރިވެ ވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވަނީ، ބައްދަލުވުމުގައި ބައިވެރިވުމަށް ޚާއްސަ ދަޢުވަތު ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނިގެންކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން މައުލޫމާތުދެއެވެ.

އިޓަލީގައި ބާއްވާ މިބައްދަލުވުމުގައި، އ.ދ.ގެ މޫސުމަށްއަންނަ ބަދަލުތަކާބެހޭ، ޕެރިސް އެގްރީމަންޓް ތަންފީޒު ކުރުމާބެހޭ ގޮތުންނާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމާބެހޭ ގޮތުންނާއި އަދި ވެސް ތިމާވެއްޓާއި ގުޅުންހުރި މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާތަކުގައި ކުދި ޤައުމުތަކުގެ މަސްލަޙަތާއި ގުޅޭ ގޮތުން ރާއްޖެއިން ވާހަކަ ދެއްވުމަށްވަނީ ހަމަޖެހިފައިވާއިރު، މިބައްދަލުވުމުގެ ހަވާސާގައި އިޓަލީގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގޭ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ޕްރޮގްރާމްތަކާއި، އަދި މިދާއިރާއިން އިތުރު އެހީ ހޯއްދެވުމާ ގުޅޭ  ގޮތުން އިޓަލީގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއި މަޝްވަރާކުރެއްވުމަށާއި އަދި އިންޓަރނޭޝަނަލް ރިނިވްބަލް އެނެރޖީ އޭޖެންސީގެ އެހީގައި ހިންގޭ މަޝްރޫޢުތަކާއި ގުޅޭގޮތުން އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޢަދުދާނު އަމީންއާއިވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް