ޔޫ.އެން.ޑަބްލިއު.ޓީ.އޯ އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ބާއްވާ ގްލޯބަލް ސަމިޓް މި މަހު ރާއްޖޭގައި ބޭވުމަށް ހަމަޖެހިއްޖެއެވެ.
ތަފްސީލް ހިއްސާ ކުރައްވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވީ، ސަމިޓްގެ މައިގަނޑު ތީމްއަކީ، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅުވައިގެން " ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ކަމަށެވެ. ސަމިޓް ފެށުމުގެ އެއްދުވަސް ކުރިން ޔޫއެންޑަބްލިއުޓީއޯގެ މިނިސްޓީރިއަލް އިވެންޓްވެސް ރާއްޖޭގައި އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ އީސްޓް އެޝިއާ، ޕެސިފިކް އަދި ސައުތް އޭޝިއާގެ މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ކޮމިޝަންގެ ޚާއްސަ ބައްދަލުވެއް ކަމަށް ވިދާޅުވިއެވެ. އެ ކޮމިޝަންގެ ޗެއަރ އަކީ ދިވެހި ރާއްޖެ ކަމުން ކޮމިޝަން ޗެއަރ ކުރައްވާނީ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރެވެ. ކޯ ޗެއަރކަން ކުރައްވާނީ މެލޭޝިއާއިންނެވެ.
ކޮމިޝަންގެ ބައްދަލުވުމަށްފަހު މިނިސްޓީރިއަލް ލެވެލްގެ ރައުޑް ޓޭބަލް މަޝްވަރާތަކެއް އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ މަޝްވަރާގެ ތީމްއަކީ "ޔޫ.އެން.ޑަބްލިއު.ޓީ.އޯ މިނިސްޓީރިއަލް ރައުންޑް ޓޭބަލް ކޮންފަރެންސް އޮން ޓުއަރިޒަމް ރިޒިލިއަންސް ތްރޫ އިނޮވޭޝަން އެންޑް ޑިޖިޓަލައިޒޭޝަން އިން އޭޝިއާ އެންޑް ޕެސިފިކް" މިއެވެ. ތީމްގެ ކުރު ތަރުޖަމާއަކީ "އައު އީޖާދުތަކާ ޑިޖިޓަލް މަސައްކަތުގެތެރޭން ޓުއަރިޒަމް ދެމެހެއްޓޭނެ ގޮތްތައް ހޯދުން" މިއެވެ. ރައުންޑް ޓޭބަލް މަޝްވަރާ އޮންނާނީ 14 ޖޫންގައެވެ. އެއަށްފަހުސަމިޓްގެ ފެށުން އޮންނާނީ، 15 ޖޫން ގައެވެ. ސަމިޓްގައި ތީމްއާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެއެވެ.
މިނިސްޓަރ ވިދާޅުވީ، މައިގަނޑު 3 ސެޝަނެއް ސަމިޓްގައި ކުރިއަށްދާނެ ކަމަށެވެ.
އެއް ސެޝަނަކީ އެގްރޯ ޓޫރިޒަމް، އަނެއް ސެޝަނަކީ ހަމަ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް. އަނެއް ސެޝަނަކީ ގެސްޓްރޮނޮމީ ޓޫރިޒަމްއަބްދުﷲ މައުސޫމް / ޓޫރިޒަމް މިނިސްޓަރ
ސަމިޓް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ކްރޮސްރޯޑްސް ގައެވެ. މި ސަމިޓްގެ ސަބަބުން ފަތުރުވެރިކަން ކުރިއަށްގެންދިޔުމަށް ބާރު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަަމަށް 50 އަހަރު ފުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދާ އަހަރެކެވެ.