ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނޫސްވެެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ދޮޅު ގަޑީއިރަށްވުރެން ވެސް ގިނައިރު ކުރިއަށް ދިޔައެވެ. ވަރަށް ގިނަ ވާހަކަތަކަކާއި، ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކުގެ ތަފްސީލުތައް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުން ހާމަވެގެން ދިޔައެވެ. މި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ހުރިހާ ނޫސްވެރިން ކުރި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ. އެހެންނަމަވެސް މި ނޫސްވެރިންގެ ބައްދަލުވުމުން އެންމެ ފާހަގަވެގެން ދިޔަ އެއް ކަމަކީ ނޫސްވެރިންގެ ބައްދަލުވުމުން ނިންމަވާލައްވަމުން ރައީސް ދެއްކެވި ވާހަކަފުޅެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެއް އޮވެއެވެ. އާބާދީގެ ގޮތުން ކުޑަޔަސް ބޮޑަކަސް ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ވާހަކަފުޅެވެ. ކޮންމެ ރަށަކަށް ވެސް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. މި ވައުުދުތައް އެމަނިކުފާނު ފުއްދަވަމުން ގެންދަވާއިރު ރައީސް ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓާލުމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އަދި ކޮންމެ ރަށަކަށް ތިން ކަޅު ހަން ދިނުމުން އެ ރަށެއްގެ ރައްޔިތުން ފެންބޮއެގެން އުޅޭނެ ކަމަށް ބުނެ ވެސް އެފަދަ މީހުން ވާހަކަދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަޝްރޫއުތަކަށް ހިނގާ ޚަރަދުތައް ބޮޑުވެގެން އެކަމުގެ ކަންބޮޑުވުންތައް ވެސް އެފަދަ މީހުން ފާޅުކުރަމުންދާ ކަމަށެވެ.
މިފަދަ މީހުންނަށް ރައީސް ދެއްވީ ވަރަށް ވެސް ފުރިހަމަ ޖަވާބެކެވެ. އެމަނިކުފާނު ވިދާޅުވީ ލޯންޗުގައި އަންނަގޮތަށް އައިސް ފާލަމާ ކައިރިކޮށްލުމަށްފަހު ކާރަށް އަރައިގެން ގެއަށް ދާ މީހުންނަށް ރަށް ރަށުގެ ކަންތައްތައް އިހުސާސް ނުވާނެ ކަމަށެވެ. އަދި އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންގެ ހާލު ވެސް އިހުސާސް ނުވާނެ ކަމަށެވެ. އެމީހެއް ދަރިފުޅު ނުވަތަ އެމީހަކު ބަލިވުމުން ހޮސްޕިޓަލަށް ވަގުތުން ގެންދެވޭ މީހުންނަށް ރަށްރަށުގައި ސިއްޚީ ޚިދުމަތް ހޯދަން ރައްޔިތުން އުޅޭ ހާލު އިހުސާސް ވެސް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލަށް ނުގެންދެވިގެން ދަރިފުޅަށް ކިޔަވައި ނުދެވިގެން ރަށްރަށުގައި ތިބޭކަން އިހުސާސް ނުވާތީ އެމީހުން އެފަދަ ވާހަކަ ދައްކާކަމަށް ރައީސް ވިދާޅުވިއެވެ. ސްކޫލްތަކުގެ ކްލާސްރޫމްތަކާއި ލެބޯޓްރީ ފަދަ ތަންތަން ހަދާތީ އެމީހުންނަށް ޚަރަދުތައް ބޮޑު ކަަމަށް ފެންނަ ކަމުގައި ވެސް ވިދާޅުވިއެވެ.
ސިއްހީ ޚިދުމަތްތައް ފުޅާކޮށް ޓަރޝަރީ ހޮސްޕިޓަލްތައް ހިސާބުގައި އަޅާތީ ބޮޑު ޚަރަދުކަމަށް އެ ފެންނަނީ އެ ޚިދުމަތްތައް ފަސޭހައިން ލިބޭ ބޭފުޅުންނަށް، އެކަމަކު އަޅުގަނޑު ނުދެކެން އެއީކީ ބޭކާރު ޚަރަދެއް ކަމަކަށް، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދާނަން، ބަނދަރު ވެސް އެއީކީ ކޮންކްޓްރީ ތަރައްޤީ ކަމަށް އަޅުގަނޑު ނުދެކެން. އެއީ ބޭނުން ޖެހިފައި ހުރި ކަންތައްތައް، ދައްޗެއް ނެތި އެކަންތައްތައް ފޯރުކޮށްދޭނަންރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސްގެ މި ވާހަކަފުޅުތަކުން ވެސް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އުންމީދުތައް އައުވެގެން ހިނގައްޖެއެވެ. ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފާހަގަވެގެންގޮސްފައިވަނީ އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއްގެ ގޮތުގައެވެ. ކެމްޕެއިން ދުވަސްވަރުން ފެށިގެން ވެރިކަމަށް ވަޑައިގެން މިއަދާ ހަމައަށްވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުންނާ ބައްދަލުކުރައްވައި ގެންގުޅުއްވާ ގާތްކަމެވެ. ކަންކަމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވުމަށް އެމަނިކުފާނު މަސައްކަތްކުރައްވާކަމީ މިހާތަނަށް ފެނިފައިވާ ކަމެކެވެ. ރައީސްގެ މިވާހަކަފުޅުތަކުން ވެސް ސާފުވި އެއްކަމެއް އެބައޮތެވެ. ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވާނެކަމެވެ.