ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ރައްޔިތުން ކަންބޮޑުވެ ހާސްކަމުގެ ތެރެއަށް ވަންނަ ގޮތަށް ވާހަކަދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި، ރާއްޖޭގެ އިގްތިސާދު މިވަގުތު ކުރިއަރަމުންދާ ގޮތުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތިކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަން ގަބޫލުކުރަން ޖެހޭކަމަށެެވެ. އެހެންނަމަވެސް ރާއްޖޭގެ އިގުތިސާދު ހުއްޓުމަކަށް އައިސްފައިވާކަމަށް ފަތުރަމުންދާ މައުލޫމަތުތަކަކީ ހަގީގަތެއް ނޫން ކަމަށާއި، އެ ވާހަކަ ދައްކާމީހުން އެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިއީ އެންމެން އެކީގައި މަސައްކަތްކޮށް ކުރިމަތީގައި އޮތް ކަންކަމުން އަރައިގަންނަން މަސައްކަތްކުރަންޖެހޭ ވަގުތު ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޚަރަދުތައް ކުޑަކޮށް، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުން ކަމަށެވެ. އެގޮތުން އައު ބައެއް މަޝްރޫއު މަޑު ޖައްސާލާފައިވާ ކަމަށާއި، އިތުރު އައު މަޝްރޫއެއް ލޯނު ނަގައިގެން ކުރިއަށް ގެންދިޔުމުގެ ވިސްނުން މިވަގުތު ސަރުކާރުގައި ނެތް ކަމަށެވެ. އަދި މިހާރު ފައިސާ ހަމަޖެހިގެން ހިންގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓުމަކަށް ނާންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފަށަންޖެހޭ، ތަރައްގީގެ 90 އިންސައްތަ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި އަންނަ އަހަރު ފަށަން ޖެހޭ ބޮޑު މަޝްރޫއެއް ނެތްކަމަށެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ދައުލަތައް ލިބޭ އާމްދަނީން ބެލެހެއްޓޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ކޮވިޑާ ގުޅިގެން މުޅި އިގުތިސާދު ހުއްޓުމަކަށް އައި ކަމަށާއި، 2020ގައި މުޅި ޖީޑީޕީން 70 ބިލިއަން ރުފިޔާ ގެއްލުންވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދައުލަތަށް ވަންނަންޖެހޭ 35 ބިލިއަން ރުފިޔާ ނުވަންނަ ކަމަށެވެ. ސިއްހީ ނިޒާމު ހަމައަކަށް އެޅުވުމަށް ލޯނުނަގަން ޖެހުނު ކަމަށާއި، އިގުތިސާދު ހުއްޓުމަކަށް ނުގެނެސް ލޯނު ނަގައިގެން ކުރިއަށް ދިޔުމުގެ ނަތީޖާ ފެނި މިހާރު ރާއްޖޭގެ އިގުތިސާދު އަންނަނީ ކުރިއަރަމުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 2020ވަނަ އަހަަރު ނިމުނުއިރު ނެޓް ޖީޑީޕީ 150 ޕަސެންޓަށް ވެއްޓުނު ނަމަވެސް، އެކަމުން އަރައިގަތުމަށް ކުރި މަސައްކަތުން މިހާރު ހުރީ 113 ޕަސެންޓްގައި ކަމަށެވެ.
ކޮވިޑަށްފަހު ދެން މި ކުރިމަތިލާން ޖެހުނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައާ ކަމަށާއި، އެއާއެކު ތެލުގެ އަގު އުފުލުމުގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރާނެކަމަށް ވިދާޅުވިއެވެ. ތެލުގެ އަގަށް އައި ބަދަލާއެކު 1.6 ބިލިއަން އިތުރަށް ސަބްސިޑީއަށް ދައުލަތުން ޚަރަދު ކުރަން ޖެހޭނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކްލީފްތަކެއް ނުލިބޭގޮތަށް މިކަންކަން ކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ، އިގުތިސާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ. އަދި 2023 ނިމޭއިރު ރާއްޖޭގެ ޖީޑިޕީ 100 ބިލިއަން ކްރޮސް ކުރާނެ ކަމަށާއި، މިއަހަރުގެ 5 މަސްދުވަހުގެ ތެރޭގައި 11 ބިލިއަނެއްހާ ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ވަރަށް ގާތުން މޮނިޓަރކުރަމުން ދާކަމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.