Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 14:31
ޑެންގީ ހުން ފަތުރާ މަދިރި
ޑެންގީ ހުން ފަތުރާ މަދިރި
ގޫގުލް
ޑެންގީ ހުން
މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ
މިދުވަސް ވަރަކީ ޑެންގީ ހުން އިތުރުވާ ދުވަސް ވަރެއް

މިއަހަރުގެ މިހާތަނަށް 503 މީހަކަށް  ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފި އެވެ.

ރާއްޖެޓީވީގެ ހަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެޗްޕީއޭގެ ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ ސަނާ ސަލީމް ވިދާޅުވީ، މިދުވަސް ވަރަކީ އާއްމުގޮތެއްގައި ވެސް ޑެންގީ ހުން ފެތުރުން އިތުރުވާ ދުވަސް ވަރަކަށް ވުމާ އިރު، އެޗްޕީއޭ އިން ގިނަ މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ހެލްތް ސެންޓަރުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަން މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަނާ ވިދާޅުވީ، ޑެންގީ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުންގެ 35 ޕަސެންޓަކީ ބިދޭސީން ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މިބައްޔަށް ހޭލުންތެރިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

" އަޅުގަނޑުމެން، މޯލްޑިވްސް ރެޑް ކްރެސެންޓާއި ގުޅިގެން މި އަންނަނީ ބިދޭސީން މިބައްޔަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން." ސަނާ ވިދާޅުވި އެވެ.

ސަނާ ވިދާޅުވީ، ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކާއި އެންމެ މުހިއްމު މަސައްކަތަކީ ފަރުދީ ފެންވަރުގައި ކުރެވޭނެ މަސައްކަތް ކަމަށާއި އެގޮތުން ފެން ހަރުލާ ޒާތުގެ ތަކެތި ނައްތާލުމަށާއި ސާފުތާހިރު ކަމަށް ސަމާލުވުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ގޮވާލައްވާފަ އެވެ.

ޑެންގީ އާއި ގުޅޭ ގޮތުން ހެލްތް މިނިސްޓްރީގެ ސީނިޔާ ޕަބްލިކް ހެލްތް ޕްރޮގްރާމު އޮފިސަރ ފާތިމަތު ރަޝީދާ ވިދާޅުވީ ޑެންގީ ހުން ރާއްޖޭގައި އެންމެ ގިނައިން ފެތުރެމުންދަނީ ޖެނުއަރީ މަހާއި މެއި، ޖޫން، ޖުލައިގެ އިތުރުން ނޮވެމްބަރު ހިސާބުގައި ކަމަށެވެ. މިދުވަސް ވަރަށް ހާއްސަކޮށް އެ މިނިސްޓްރީން ވަރަށް މުހިއްމު  މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބައްޔަށް އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް