ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 16:39
ސެއިންޓް ފްރަންސިސް ހޮސްޕިޓަލް
ސެއިންޓް ފްރަންސިސް ހޮސްޕިޓަލް
އޮކްލަހޯމާގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާ
އޮކްލަހޯމާގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 4 މީހުން މަރާލައިފި
ހަމަލާދިން މީހާއަކީ އުމުރުން 35 އަހަރާ 40 އަހަރާ ދެމެދުގެ މީހެއް
5 މިނެޓުގެ ތެރޭގައި ފުލުހުން ވަނީ ހަމަލާދިން މީހާ ހުރި ތަނަށް ގޮސް، އޭނާއާ ކުރިމަތިލާފައި
ޓުލްސާގެ ސެއިންޓް ފްރަންސިސް ހޮސްޕިޓަލަށް ވަދެ، ބަޑިން ހަމަލާދީ 4 މީހުން މަރާލާފައިވޭ

އެމެރިކާގެ އޮކްލަހޯމާގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ރައިފަލަކާއި ހޭންޑްގަންއެއް ހިފައިގެން ހުރި މީހަކު ވަނީ އޮކްލަހޯމާގެ ޓުލްސާގެ ސެއިންޓް ފްރަންސިސް ހޮސްޕިޓަލަށް ވަދެ ބަޑިން ހަމަލާދީ ހަތަރު މީހުން މަރާލާފައެވެ. އޭނާގެ ހަމަލާތައް ހުއްޓިފައި ވަނީ ފުލުހުންގެ މީހަކު އޭނާގެ ގަޔަށް ބަޑިން ހަމަލާދިނުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާދިސާ ހިނގި ހޮސްޕިޓަލަށް ފުލުހުން ގޮސްފައި ވަނީ އެހާދިސާގެ ރިޕޯޓު އެއިދާރާއަށް ލިބުނުތާ ތިން މިނެޓުގެ ތެރޭގައެވެ. އެގޮތުން ބުދަ ދުވަހުގެ މެންދުރުފަހު ހިނގި މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ހޮސްޕިޓަލަށް ގޮސް، ފުލުހުން ވަނީ ހޮސްޕިޓަލްގެ ދެ ވަނަ ފަންގިފިލާއަށް އަރާފައިކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ފާހަގަކުރާގޮތުގައި ފަސް މިނެޓުގެ ތެރޭގައި ފުލުހުން ވަނީ ހަމަލާދިން މީހާ ހުރި ތަނަށް ގޮސް އޭނާއާ ކުރިމަތިލާފައެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި ހަމަލާދިން މީހާއަކީ އުމުރުން 35 އަހަރާ 40 އަހަރާ ދެމެދުގެ މީހެކެވެ. އޭނާ އެހޮސްޕިޓަލަށް ހަމަލާދިނީ ކީއްވެގެންކަން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިދިޔަ ހަފުތާގައި ޓެކްސަސްގެ އެލެމެންޓްރީ ސްކޫލެއްގައި މީހަކު ދިން ހަމަލާއެއްގައި 19 ކުޑަކުދިންނާއި ދެ ޓީޗަރުން މަރުވި ހާދިސާއާއެކު ގިނަ ބައެއްގެ ފާޑުކިއުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

ބުދަ ދުވަހު މިހާދިސާ ހިނގާފައިވާއިރު، މިދުވަސްކޮޅު އެމެރިކާގައި މިފަދަ ހާދިސާތައް މިވަނީ އިތުރުވާންފަށާފައެވެ.

މީގެ ދެ ހަފުތާކުރިން ކަޅު ނަސްލުގެ މީހުންގެ ދިރިއުޅޭ ސަރަހައްދެއްގައި ހުރި ފިހާރެއްގެ ތެރޭގައިވެސް މިފަދަ ހާދިސާއެއް ހިންގައި 10 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް