ހޮލީވުޑްގެ ދެ ތަރިންކަމުގައިވާ ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބަރ ހާޑް އާ ކައިވެނިކޮށްގެން އުޅުނުއިރު ހިންގި ގެވެށި އަނިޔާގެ ވާހަކަތަކުގެ ތެރެއިން އެކަކު އަނެކެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ކުރި އަބުރުގެ ދައުވާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑެޕްއަށް 10 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
ހަތް ޖޫރީން ހިމެނޭ ޕެނަލް އިން ނިންމާފައިވަނީ ހާޑްގެ އަބުރު ގެއްލޭ ގޮތަށް ޑެޕް އެއް ބަޔާން ނެރެފައިވާކަމަށެވެ. ޖޫރީންގެ ޕެނަލުން ނިންމާފައިވަނީ ޑެޕްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. ނަމަވެސް ޖަޖު ވަނީ އެއަދަދު 10.35 މިލިއަން ޑޮލަރަށް މަދުކޮށްފައެވެ. އަދި ޖޫރީންގެ ޕެނަލުން ވަނީ ހާޑްއަށް ޑެޕްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑެޕް ހާޑްއަށް 2 މިލިއަން ޑޮލަރު ދެއްކުމަށް އަމުރުކޮށްފައެވެ.
ޑެޕް ދައުވާކޮށްފައިވަނީ ހާޑް ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެ ވޮޝިންގޓަން ޕޯސްޓްގައި ޝާއިއުކުރި ލިޔުމަކާއި ގުޅިގެން އޭނާގެ އަބުރު ގެއްލިފައިވާތީ އޭގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ. ހާޑް ދައުވާކުރީ ހާޑްކުރި ތުހުމަތުތަކާއި ގުޅިގެން ޑެޕްގެ ވަކީލުން ދެއްކިވާހަކަތަކުން ހާޑްގެ އަބުރު ގެއްލި ކެރިއަރަށް އަސަރުކޮށްފައިވާތީ 100 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ.
ހަ ހަފްތާގެ މުއްދަތަށް ކުރިޔަށްދިޔަ އަޑުއެހުންތަކުގައި ޑެޕް ބުނެފައިވަނީ ހާޑްގެ ގައިގައި ނުޖަހާކަމަށާއި އެއްވެސް އަންހެނެއްގެ ގައިގައި ނުޖަހާކަމަށެވެ. އަދި ދެ މީހުންގެ ގުޅުން ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓާލީ ހާޑުކަމަށެވެ.
ހާޑު ޑެޕްއަށް ކުރި ގެވެށި އަނިޔާގެ ތުހުމަތުތަކާއި ގުޅިގެން ޑެޕްއަށް ލިބިފައިވާ ގިނަ ފިލްމުތަކެއް އޭނާގެ އަތުން ގެއްލިގެން ދިޔައެވެ. އަދި ޑެޕްގެ ކެރިއަރަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ.
އަމުރާ ގުޅިގެން ޑެޕް ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖޫރީން އޭނާގެ ދިރިއުޅުން އަލުން އަނބުރާ ހޯދައިދީފައިވާކަމަށެވެ. ޑެޕް ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިރިއުޅުމުގެ އައު ސަފްހާއެއް ހުޅުވިގެންގޮސްފިކަމަށެވެ.
ހާޑް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ހިތްހަލާކުވާފަދަ ނިންމުމެއްކަމަށެވެ. އެތައް ބައިވަރު ހެއްކެއް ހުށަހެޅުމުންވެސް ކުރީގެ ފިރިމީހާގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި އެއީ ކަމެއް ސާބިތުކުރެވޭވަރުގެ އެއްޗަކަށް ނުވިކަމަށް ހާޑުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ދެ އަހަރު ކުރިން އިނގިރޭސިވިލާތުގައި ޑެޕް ވަނީ ހާޑުގެ ވާހަކަތަކަށް ނިސްބަތްކޮށް ސަން ނޫހުން ލިޔުނު ލިޔުމެއްގެ މައްޗަށް އަބުރުގެ ދައުވާކޮށް ނާކާމިޔާބީއާ ކުރިމަތިވެފައެވެ. ލަންޑަންގެ ހައިކޯޓު ނިންމާފައިވަނީ ޑެޕް އެތައް ފަހަރެއްގެ މަތިން ހާޑަށް އަނިޔާކޮށްފައިވާކަމަށެވެ.