މި ހިނގާ މެއި މަހުގެ ނިޔަލަށް 125،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.
މި ހިނގާ މެއި މަހުގެ މިހާތަނަށް 104،046 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 22.9 އިންސައްތަ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 84،661 ފަތުރުވެރިންނެވެ.
މިއީ 2019 ވަނަ އަހަރަށްވުރެ ގިނައިން މިއަހަރު ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ މަހެވެ. މިއާއެކު ފަތުރުވެރިކަމުގެ އައު ރެކޯޑެއް މިމަހު ހެދިފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރަނީ މިމަސް ނިމުމުގެ ކުރިން 125،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 680،846 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަހަރުގެ މިހާތަނަށް ދުވާލަކު 4،695 ފަތުރުވެރިން އަންނަމުންދާކަމަށް ވަނީ ރެކޯޑުކޮށްފައެވެ. އަދި 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. މިހާތަނަށް އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު 86،358 އަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކުރެއެވެ. އިނގިރެސިވިލާތުން 82،325 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާއިން 62،545 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ޖަރުމަނުން 56،058 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްރީން ހާމަކުރާއިރު، އިޓަލީން 43،748 ފަތުރުވެރިން އައިސްފައިވެއެވެ. އެމެރިކާއިން 30،391 ފަތުރުވެރިން އައިސްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވާއިރު، ފްރާންސްއިން 27،488 ފަތުރުވެރިން އައިސްފައިވެއެވެ. މި ގައުމުތަކުގެ އިތުރުން ޓޮޕް 10 މާކެޓުގެ ތެރޭގައި ހިމެނެނީ ސްވިޓްޒަރލޭންޑް، ސައުދީ އެރޭބިއާ އަދި އޮސްޓްރިއާއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގާއިމްކޮށްފައިވާ 1،180 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީގެ ތެރެއިން 973 ތަނަކުން މިވަގުތު ދަނީ ޚިދުމަތްދެމުންނެވެ. މި ފެސިލިޓީތަކުގައި 60،486 ބެޑް ކެޕޭސިޓީ ހުރިއިރު، 54،852 ބެޑް އޮޕަރޭޝަނަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތައް ގުޅިގެން ދަނީ ކުރަމުންނެވެ.