Advertisement
ކ. މާލެ
|
9 ޖޫން 2017 | ހުކުރު 09:10
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެއެމްވީ
ކުރީގެ ނައިބު ރައީސް އަދީބު
ތަޙްގީގުގައި އަދީބާ ބައްދަލުކުރައްވަން ޖެހިއްޖެ ނަމަ އެކަން ކުރާނަން: އެޗްއާރުސީއެމް
އަދީބްގެ ސިއްހީ ހަލަތާއިމެދު މުއައްސަސާތަކުން އިހްމާލުވަމުންދާ ކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން
ބަލަމުންދާ މައްސަލައަކަށް ވަތީ ތަޙްގީގާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވޭ
އަދީބަށް އެކަށޭނަ ފަރުވާ ނުލިބޭ ކަމަށް އާއިލާއިން ބުނޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު ކަމާބެހޭ މުއައްސަސާތަކުން އިހްމާލުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނަން ހުށައަޅާއިފައިވާ މައްސަލާގައި ތަޙްގީގައި އެމަނިކުފާނާ ބައްދަލުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

 

އަދީބުގެ އާއިލާގެ ފަރާތުން އެމަނިކުފާންގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ، އެޗްއާރްސީއެމްއަށް ހުށައަޅާފައިވާ މައްސަލަ އެޗްއާރްސީއެމުން ދަނީ ބަލަމުނެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބާ ގުޅޭ މައްސަލައެއް އެކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެ މައްސަލާގައި ކޮމިޝަންގެ ފަރާތުން އަދީބާ ބައްދަލުކުރަން ޖެހިންޖެ ނަމަ އެކަން ކުރާނެ ކަމަށެވެ. މީގެ ކުރިން އަދީބާ ގުޅޭ ގޮތުން އެކޮމިޝަނަން ހުށައަޅާފައިވާ މައްސަލަތައް ބެލުމަށް ފަހު ލިޔެކިޔުމުން މައްސަލަ ހުށައެޅި ފަރާތަށް ޖަވާބު ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އަދީބުގެ ޢާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި، އެމަނިކުފާނަށް ބޮޑެތި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި ކޮމިޝަނަން ހުށައަޅި މައްސަލާގައި ވެސް ވަނީ މިކަން ބަޔާންކޮށްފައެވެ.

 

އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ވަނީ ކަށަވަރުވެފައެވެ.

 

ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަދީބު ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގި މަރުހަލާގައިވެސް އެމަނިކުފާނު ވަނީ ސިއްހީ މައްސަލަތަކަކާއި ކުރިމަތިލައްވާފައެވެ. އޭރު އާންމުންނަށް އަދީބު ނުދެއްކުމަށް ސަރުކާރުން ވަރަށް ގިނަ ދުވަސް ވަންދެން އަދީބު މާލެ ނުގެނެސް ދޫނިދޫއަށް ޑޮކްޓަރުންނާއި މެޝިނަރީޒް ގެންގޮސްގެން އެމަނިކުފާނަށް ފަރުވާ ދީފައި ވެއެވެ. ނަމަވެސް، މިފަހުން އަދީބު ޑޮކްޓަރަށް ދެއްކުމަށް ގެންނަމުން ދަނީ މާލެއަށެވެ.

 

އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގެ ތުހުމަތުގައި ޖުމްލަ 33 އަހަރަށް ޖަލަށްލުމަށް އަދީބުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް