Advertisement
ކ. މާލެ
|
8 ޖޫން 2017 | ބުރާސްފަތި 15:36
އާދަމް އާޒިމް، ކާނަލް ނާޒިމާއެކު
އާދަމް އާޒިމް، ކާނަލް ނާޒިމާއެކު
މުހައްމަދު ޝަރުހާން
އާޒިމް ހައްޔަރުކުރުން
ސަރުކާރު ވައްޓާލަން އުޅޭކަމަށް ބުނެ، އާދަމް އާޒިމް ހައްޔަރުކޮށްފި
ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުޙުމަތުގައި
ހައްޔަރު ކުރުމަށްފަހު ވަނީ އަތޮޅުވެއްސަށް ގެންގޮސްފަ
އާޒިމް އަކީ އެމްޔޫއޯގެ ޝެޑޯ ކެބިނެޓު މިނިސްޓަރެއް

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 11 އަހަރަށް ޖަލަށް ޙުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ ކޮއްކޯފުޅު، އަދި އިދިކޮޅު އެމްޔޫއޯގެ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އާދަމް އާޒިމް ހައްޔަރުކޮށްފިއެވެ.

އާޒިމް ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އާޒިމް ހައްޔަރުކުރަނީ، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކައި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދާ، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކޮށް، ދޮގު މަޢުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުޙުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ މިއާއިއެކު، މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އާޒިމް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށާ، އާޒިމް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

ހައްޔަރު ކުރުމަށްފަހު، އާޒިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން، އަތޮޅުވެހި ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އާޒިމް ހައްޔަރުކުރިކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ހައްޔަރުކުރުމާއި ގުޅޭ އެއްވެސް އިތުރު ތަފްޞީލެއް ފުލުހުން ނުދެއެވެ.

 

އިދިކޮޅު ހަރަކާތުގައި އިސްކޮށް ހަރަކާތެރިވެވަޑައިގަންނަވާ އާޒިމް އަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި ކާނަލް ނާޒިމްގެ މައްސަލަ ކުރިއަށް ދިޔަ ގޮތުން އާޒިމް ވަނީ ޖުޑީޝަރީގައި އިސްލާހު ކުރަން ހުރި ކަންކަން ހުރިކަން ފާހަގަކޮށްވެސް އެކި ޕްލެޓްފޯމްތަކުގައި ވާހަކަފުޅު ދައްކާފައެވެ. މީގެ އިތުރުން އާޒިމް އަކީ އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި އެކު ބާއްވާ އެކި ބައްދަލުވުންތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް