ރޯދަ މަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ބަދިގެ ތެރޭގައި ވަރަށް ވަސް އަވަދިނެތި އުޅެން ޖެހޭ މަހެކެވެ. އާންމު ގޮތެއްގައި ރޯދަ މަހު ކޮންމެ މީހަކު ވެސް ބަލާނީ ގޭތެރޭގެ މަސައްކަތް އަވަހަށް ނިންމާލުމަށްފަހު ރޯދަ ކުރުމަށްޓަކައި ކަމެއް ކުރެވޭތޯއެވެ. އާންމު ގޮތެއްގައި ހަވީރު ގަޑިއަކީ ރޯދަ ކުރުމަށް ގިނަ މީހުން މަގުތަކަށް ނިކުންނަ ވަގުތެވެ. ރޯދަ މަސް ގާތްގަޑަކަށް ދެބައި ވެފައިވާއިރު މިހާރު ވެސް ހަވީރު 4:00ން ފެށިގެން ގިނަ އަދަދެއްގެ އާންމުން މަގުމަތިން ފެނިގެންދެއެވެ. ދަރިން ގޮވައިގެން އެއްބައި މީހުން ހިނގާލަންދާއިރު އަނެއް ބައި މީހުން ދަރިން ގޮވައިގެން ގުޑި އަރުވަން ވެސްދެއެވެ.
މި ރޯދަމަހުގެ ވެސް ފުރަތަމަ ދުވަހު ކުޑަކުދިން ގުޑިތައް ހިފައިގެން އުސްފަސްގަނޑަށް ޖަމާވިތަން ފެނުނެވެ. އެކިކުލަތަކުގެ އެ ގުޑިތައް އަރުވާފައިހުންނައިރު، ދުރުން މަގުމަތިން ބަލާއިރު މި މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ސައިކަލުން ދާމީހުންވެސް މި މަންޒަރު ބަލަން ހުއްޓިލާ، ފޮޓޯ ނަގާ މަންޒަރު ފެނެއެވެ. މުޅި ސޯޝަލް މީޑިއާގައިވެސް ރޯދަމަސް އަތުވެއްޖެނަމަ ގުޑިއަރުވާ މަންޒަރުގެ ފޮޓޯތައް ގިނަކަން ފާހަގަކުރެވެއެވެ.
ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ގުޑި ވައިގެ ތެރޭގައި އެންމެ އުހަށް އެރުވޭތޯ މަސައްކަތް ކުރެއެވެ. ބައެއް ފަހަރު އެހެން ނުވުމުން ބައްޕަ ނޫނީ ބޭބެ ކައިރީގައި ބޮޑާހާކާތަންވެސް ފެނެއެވެ. އެކަމުގެ ޝަކުވާތައް އޮއްސާލައެވެ. ކޮންމެޔަކަސް މި ހިތްގައިމު މަންޒަރު ފެނިގެންދާއިރު ކުރިން ހަދާފައި ހުންނަ ކަރުދާސް ގުޑި މިހާރު ފެންނަނީ ވަރަށް ވެސް މަދުންނެވެ. މިހާރު ހުންނަނީ ފޮތިން ހަދާފައި ހުންނަ ގުޑިތަކެކެވެ. ރާއްޖެއިން ބޭރުން ގެނެސްފައި ހުންނަ މި ގުޑިތައްވެސް އެހާމެ ރީއްޗެވެ. އެކި ކުލަކުލައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހޭއިރު ނުލާހިކު ޗާލެވެ.
ހަވީރު ގަޑީގައި މާލޭގެ ބޭރު މަގުގައި ބާރު ބޮޑުވެގެންދެއެވެ. މުޅި މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. އެއީ ރައްޓެހިން ނުވަތަ ދެމެފަރިން ނުވަތަ ދަރިފުޅު ގޮވައިގެން ހަވީރު ގަޑީގައި ރޯދަ ކުރު ކުރުމަށް ނިކުންނަ މީހުން ގިނަވުމުންނެވެ. ސައިކަލުގައި ބުރު ޖަހާ މީހުނެކޭ އެއްވަރަށް ކާރުތަކުގައި ވެސް ބުރު ޖަހާ މީހުންގެ އަދަދު އިތުރުވެގެންދެއެވެ. އަދި މިހާރު ހުޅުމާލޭގެ ބްރިޖް އޮތުމާއެކު ހަވީރު ގަޑީގައި ހުޅުމާލެ ދާ މީހުންގެ އަދަދު ވެސް އިތުރުވެގެންދެއެވެ.
މިހާ ގިނަ އަދަދެއްގެ ބަޔަކު ރޯދަ ކުރު ކުރުމަށްޓަކައި މަގުތަކަށް ނިކުމެ އުޅޭއިރު ޓްރެފިކްގެ ބާރު ވެސް ބޮޑުވެގެންދެއެވެ. އެހެންކަމުން މާލޭގެ އެކި ކަންކޮޅުތަކުގައި ޓްރެފިކްގެ ކަންތައްތައް ބަލަހައްޓާ މެނޭޖް ކުރުމަށްޓަކައި އެ ގަޑީގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެއެވެ. ވެހިކަލްތައް ތޮއްޖެހިޔަ ނުދިނުމަށްޓަކައެވެ. ރޯދަ ކުރު ކުރުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން ނިކުމެ އުޅޭއިރު ގިނަ މީހުންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.
މިދިޔަ ރޯދަ މަހު ގުޑިއެރުވުމަށްޓަކައި ގިނަ އަދަދެއްގެ ކުދިން އުސްފަސްގަނޑު ސަރަހައްދަށް ދިޔައެވެ. އެހެން ނަމަވެސް އޭރު ދާން ޖެހުނީ މާސްކު އަޅައިގެންނެވެ. މިހާރު ސަރުކާރުން ދީފައިވާ ލުއިތަކާއެކު މާސްކު ނާޅާ އުޅެވޭނެ ގޮތް މިވަނީ މަގުފަހިވެފައެވެ. އެހެންކަމުން ކުދި ބޮޑު އެންމެހާ މީހުންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދެއެވެ.