ރޯދަ މަހުގެ ފުރަތަމަ ފަނަރަ ދިވެހިންނަށް މިއަހަރު ނިމިގެންދިޔައީ މީހެއް މަރާލި ޚަބަރާއެކުއެވެ. ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ރޯދަ ވީއްލަން ތައްޔާރުވަމުންދިޔަ ވަގުތު އެއް އަޑަކަށް އިވެމުންދިޔަ ވާހަކައަކީ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާ މީހަކު މަރާލި ވާހަކައެވެ. އެންމެ ފުރަތަމަ ހީވީ ދިވެއްސަކު މަރާލީއެވެ. ނަމަވެސް ރަނގަޅަށް ކަންތައް ސާފުވިއިރު ކަން ހިނގައިގެން މިއުޅެނީ ބިދޭސީންގެ މެދުގައިކަން އެނގިގެންދިޔައެވެ. ދެބަސްވުން ހިނގައިގެން މީހެއްގެ ފުރާނަދާ ހިސާބަށް ކަންކަން ދިޔައީ ބިދޭސީންގެ ދެމެދު ހިނގި ދެބަސްވުމެއްގެ ތެރޭގައެވެ. އެދެބަސްވުމުގެ ތެރޭގައި ވަޅިން ހަމަލާދީ އެކަކު މަރާލީއެވެ. އެމީހާއަށް ހަމަލާދިން މީހާ ތަނުން ފިލީއެވެ. ސީންވެސް ސާފުކުރީއެވެ. ފުލުހުން ގާތިލުކަމަށް ބެލެވޭ މީހާގެ ފޮޓޯ އާންމުކޮށް އެއީ ނުރައްކާތެރި މީހެއްކަމަށް ބުންޏެވެ. އެމީހާއާ ކުރިމަތިނުލުމަށް އިލްތިމާސްކުރިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުށްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ވައްކަމާއި ފޭރުމާއި މާރާމާރީ އާއި މަސްތުވާތަކެތީ މައްސަލަތަކާއި ގޭންގު މާރާމާރީ ތަކާއި މީހުން މެރުމެވެ. މިމައްސަލަތައް އިތުރުވަމުން އަންނައިރު އެކަންކަމުގައި ޝާމިލުވާ ބިދޭސީންގެ އަދަދުވެސް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަގީގީ އަދަދު އެނގޭ ފަރާތެއް މިއުޑު ދަށުގައި ނެތްއިރު އެނގޭ ކަމަކީ އެމީހުންގެ އަދަދު މަދުނުވާނެކަމެވެ. ގަވާއިދާ ޚިލާފަށް އެކި ނަންނަމުގައި ބިދޭސީން އެތެރެކުރަމުންދާއިރު އެމީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތްތަކެއްވެސް މިހާރުގެ ސަރުކާރުން ކުރަމުންގޮސްފައިވެއެވެ. އަދި އެމީހުންގެ ތެރެއިން ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ދީފައިވެއެވެ. ނަ،މަވެސް އެކަމަށް އަދި ދާއިމީ ހައްލެއް ނުލިބެއެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރާއިރު އެމީހުންނަކީ ކޮންކަހަލަ ބައެއްކަން ދެނެގަނެވޭ ގޮތެއް ނޯވެއެވެ. ކުށުގެ ވެށީގައި ކުރިން އުޅެފައިވާ މީހެއްކަމެއް ނުވަތަ ނޫންކަމެއް ނޭންގެއެވެ. އެމީހުންގެ ގައުމުގައި އުޅެފައި ހުރީ ކޮންގޮތަކަށްކަން އެނގޭނެ ގޮތެއް ނޯވެއެވެ. އެކަން ބެލޭނެ ގޮތެއްވެސް ނޯވެއެވެ. ބިދޭސީން ގިނަ ވުމުގެ ސަބަބުން ނިކުންނަ ހުރިހާ މައްސަލަތަކެއް އަންނަނީ ދިމާވަމުންނެވެ. އެކަމުގެ ނޭދެވޭ އަސަރުތައް މުޖުތަމައުގެ ތެރެއިން އަންނަނީ ފެންނަމުންނެވެ. ބިދޭސީންގެ ޝާމިލުވުމެއް ނެތް ވިޔަފާރިއެއް ރާއްޖެއަކު ކުރިޔަށް ނުދެއެވެ. ބައެއް ވިޔަފާރިތަކުގައި ދޭސީންނަށްވުރެ ބިދޭސީންގެ ބާރު މާގަދައެވެ. އެކަމުގެ ޝަކުވާތައް އަބަދުމެ ދިވެހިން އަންނަނީ ކުރަމުންނެވެ. އޭގެ އަނެއްކޮޅުން ކުށްތަކަށް އަރައިގަންނަ ބިދޭސީންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.
ބިދޭސީންގެ މެދުގައި މާރާމާރީ ހިންގުމަކީ އާންމުކޮށް ފެންނަ ކަމެކެވެ. ނަމަވެސް މަރާ ހިސާބަށް ކަންކަން ގޮސްފައި ހުންނަނީ މަދު ފަހަރެއްގައެވެ. ރާއްޖޭގައި ބިދޭސީންގެ އާބާދީ ބޮޑުއިރު އެކި ގައުމުތަކުގެ ބިދޭސީން އުޅެމުންދެއެވެ. އެންމެ ގިނައިން އުޅެމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ހޮނިހިރު ދުވަހުގެ ހާދިސާއަށް ބަލާއިރު މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެމީހުން ވަނީ އެކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ ކައިރިއަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ. އެކަމާއި ގުޅިގެން އެމްބަސީން ބަހެއް ނުބުނެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ އެމީހުންގެ ހައްގު ކަށަވަރުކުރުމަށެވެ. އެމީހުންގެވެސް ހައްގުތަކެއް އޮންނާނެއެވެ. އެމީހުންގެ ހައްގުތައް ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނުތަކަށް ރިއާޔަތްކޮށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދޭންޖެހެއެވެ.
އެހުރިހާ ކަމެއް އެހެން އޮތްއިރު ބިދޭސީންގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާނަމަ މިފަދަ އެތައް މައްސަލައެއް ކުރިޔަށް އޮތްތަނުގައި ކުރިމަތިވަމުންދާނެއެވެ. ބަންގްލަދޭޝް މީހާ މަރާލި ޕާކިސްތާނުގެ މީހާއަކީ ނުރައްކާތެރި މީހެއްކަމަށް ފުލުހުން ބުނެ އެމީހާގެ ފޮޓޯ އާންމުކުރިއިރު އެފަދަ ކިތައް ނުރައްކާތެރި މީހުން އުޅޭނެތޯ ސުވާލު ނުއުފެދޭ ހެއްޔެވެ؟ މިހާތަނަށް މިމައްސަލައިގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވިނަމަވެސް ތިލަވެފައި ހުރި މައުލޫމާތުތަކަށް ބަލާއިރު މީގެކުރިންވެސް އެރެސްޓޯރެންޓް ތެރޭގައި ދެބަސްވުންތައް ހިނގާފައި އެބަހުއްޓެވެ. އެހެންކަމަށްވާއިރު މިހާރަށްވުރެ ބޮޑަށް ބިދޭސީން މަސައްކަތްކުރާ ތަންތަން މޮނިޓަރކޮށް ކަންކަން ބެލެން އެބަޖެހެއެވެ. އެއީ ގަވާއިދާ އެއްގޮތަށް އަދި ނުގަވާއިދުން އެތެރެވެފައި ތިބި ބިދޭސީން ވިޔަސް އެމީހުން އުޅޭ ނޫޅޭ ގޮތް ބެލެންޖެހެއެވެ. އެހެން ނޫންނަމަ ބިދޭސީންގެ މެދުގައި މާރާމާރީތައް އިތުރުވެ އެކަމުގެ ނުރައްކާތެރިކަން މުޅި މުޖުތަމައުއަށް ކުރުންވެސް އޮންނާނީ ދުރަކު ނޫނެވެ. އެމީހުންގެ އާބާދީ އެހާ ބޮޑެވެ. ކަމަކާ މެދު އެމީހުން ހިތްހަމަނުޖެހި ކުރާ ކަމަކުން ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ކުރާނެއެވެ.