ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 17:28
އަރަފާތުގެ މައްސަލަ އެތައް ފަހަރަކު ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުނު، އަޅާލި މުއައްސަސާއެއް ނެތް
އަރަފާތުގެ މައްސަލަ އެތައް ފަހަރަކު ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުނު، އަޅާލި މުއައްސަސާއެއް ނެތް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބުޅާމަހުގެ އުފެއްދުމާއެކު މުޅިމާލެ ނަފްސާނީވެފައި
މާލޭގައި ދިރިއުޅޭ ބިދޭސީންގެ އެވިޔަފާރިއަކީ ވަރަށް ފުޅާ ވިޔަފާރިއެކެވެ. ކޮށި ފޯކާއި ކިއްލިއިން ފެށިގެން އެމީހުން ނުވިއްކާ އެއްޗެއް ނެތެވެ.

ރައްޓެއްސަކު ބުނީ އޭނާގެ ދަރިފުޅު ގޮވައިގެން ސްކޫލަށްދަމުން މަޑުކޮށްލީ ކަންމަތީ ފިހާރައަށް ކަމަށެވެ. އާދައިގެ މަތިން އިންޓަވަލް ގަންނާށެވެ. އެކަމަކު ދަރިފުޅުގެ ފަރާތުން ލިބުނީ ތަފާތު ޖަވާބެކެވެ. އިންޓަވަލް ބޭނުން ނޫން ކަމަށާއި އެއަށް ހުންނާނީ ބުޅާމަސް އަޅާފައި ކަމަށެވެ.

އޭނާ ބުނީ ކޮންމެ ދުވަހަކުވެސް އިންޓަވަލް ގަންނަނީ އެފިހާރައިންނެވެ. ސަބްމެރިން އެއް ނޫނީ ހޮޓްޑޯގެކެވެ. ނޫންނަމަ ސޭންޑްވިޗެކެވެ.

އޭނާ ބުނިގޮތުންނަމަ ދަރިފުޅުހުރީ ވަރަށް ކަންބޮޑުވެފައެވެ.

ވާނީވެސް އެހެންތާއެވެ. ފެންމަތިވެގެން އެއުޅެނީ އާދައިގެ ކަމެއް ނޫނެވެ. ބުޅާ މަހުން ތަފާތު ކާއެއްޗެހި ތައްޔާރު ކުރަމުންދިޔަ ބިދޭސީއެއްގެ ވާހަކައަކީ މިހާރު ނުދައްކާ ދޫކޮށްލާ ވަރަށްވުރެ ސީރިއަސް ވާހަކައެކެވެ.

މާލޭގައި ދިރިއުޅޭ ބިދޭސީންގެ އެވިޔަފާރިއަކީ ވަރަށް ފުޅާ ވިޔަފާރިއެކެވެ. ކޮށި ފޯކާއި ކިއްލިއިން ފެށިގެން އެމީހުން ނުވިއްކާ އެއްޗެއް ނެތެވެ. މާލޭގެ ކަންކަމތީ ފިހާރަތަކަކީ އެމީހުންގެ އެންމެ ވަރުގަދަ ކަށްޓަމަރެވެ. އެފިހާރަތަކުގެ މާކެޓްގެ މައިގަނޑު އަމާޒަކީ ހެނދުނާއި މެންދުރު ސްކޫލަށްދާ ސްކޫލް ކުދިންނެވެ. ހެނދުނު ހައެއް ޖެހުމުގެ ކުރިން ކޮތަޅުވަރު ގެނެސް ފިހާރަ ދޮރުގައި އަޅުވާލައެވެ. އޭރު އަދި ބައެއް ފިހާރަތައް ނުވެސް ހުޅުވައެވެ. ކުރެވޭ އިތުބާރެއްގެ ބޮޑުކަމަކުން އެކަންޏެއް ނޫނެވެ. ގެއްލުނަސް ހެޔޮކަމަށް އަނެއް ފިހާރައިގެ ޑެލިވަރީ ހިފައިގެން ނައްޓާލަނީ ކުދިން ސްކޫލްތަކަށް ދާންވާއިރަށް ފިހާރަތަކަށް އަޅާ ނުލެވިދާނެތީއެވެ. އެއީކީ މަދު އަދަދެއް ނޫނެވެ. ލައްކަ ބައިވަރެވެ. އެކަމަކު ގާތްގަނަޑަކަށް 9 ޖަހަންވާއިރަށް އޮންނަނީ ދެވަނަ ބުރަށް ގެންނަން ޖެހިފައެވެ. ހަމައެކަނި ސްކޫލް ކުދިންނާއި އޮފީސްތަކުގައި ތިބެގެން ނާސްތާކޮށްލަން އެތަކެތި ގަންނަ އަންހެން މުވައްޒަފުންނާއި ފިހާރައަށްވަދެ ނާސްތާ ކޮށްލާ ބައެއް ފިރިހެން ކުދިންނާ ހަމައިން ހެނދުނުނުގެ އެގަޑިގެ ސްޓޮކް ހުސްވެއެވެ. ބައެއް ފަހަރަށް އޮންނަނީ ރެގިއުލަރ ކަސްޓަމަރުންނަށްވެސް ނުފުދިފައެވެ.

އޮޑިދޯނި ފަހަރާއި ދަތުރުކުރާ ފެރީތަކަށްވެސް މިތަކެތި ގެންދަނީ މަދެއްކޮށެއް ނޫނެވެ. ވަގުތުގެ ތާށިކަމާއި އުޅެން ޖެހިފައި އޮންނަ ގޮތުން ހިސާބަކަށް އަގުހެޔޮވެފައި ފަސޭހައީއެވެ.

ކަންމަތީ ފިހާރަެއްގެ ސޭޓު ބުނީ ހެނދުނާއި މެންދުރު އެފިހާރަތަކުގެ އެންމެ ބޮޑު އެއް ވިޔަފާރިއަކީ އެއީ ކަމަށެވެ.

"ވަރަށް ބާރުބޮޑުވާނެ އެމީހުންނަށް އެއެއްޗެހި ނުގެނެވިފައި އޮންނަނީ. ވަރަށް ހިނގާ" އޭނާ ބުންޏެވެ.

އޭނާ ބުނީ މަދު ދިވެއްސަކު އެއިން އެއްޗެއް ތައްޔާރުކޮށްގެން ގެނެޔަސް އާއްމު ގޮތެއްގައި ދެމެހެއްޓެނި ގޮތެއްގައި ބަރާބަރަށް އެއްޗެހި ގެންނަނީ ބިދޭސީ ކަމަށެވެ. އެމީހުން އަތުން ގިނައިން ގަނެވެނީވެސް އެހެންވެގެން ކަމަށެވެ.

ކުރުގޮތަކަށް ބުނަންޏާ މުޅި މާލެ ކަހަލަ ގޮތަކަށް އޮންނަނީ އެތައްޔާރީ ކާނާތަކަށް ހުސްވެފައެވެ. އެހާވެސް ބޮޑަށް ވައިގާ ހިފާފައެވެ. އެއަށް އިތުރުވީ ކަންކަމަތީގައި ކޮފީއާއި ސައި ވިއްކާ ކުދިކުދި ހަޓްތަކެވެ. އެތަނުގައިވެސް އެންމެ ގިނައިން ހިނގާ އެއްބާވަތަކީ ހަމަ އެތަކެއްޗެވެ.

މިހާބޮޑަށް މާލޭގައި ދިވެހިންގެ ނާސްތާތައް އެއަށް ބަރޯސާވެފައި ވަނިކޮށް އެތަކެތި ތައްޔާރު ކުރާ މުޑުދާރު ތަންތަނާއި އެއަށް އަޅާ މުއްދަތު ހަމަވެފައިވާ ތަކެތީގެ ވާހަކަ ދެކެވަމުން އައިނަމަވެސް ބުޅާ މަސްއަޅައިގެން ތައްޔާރު ކުރާ ވާހަކައާއެކު މުޅި މާލެއަށް ވަނީ ސިހުން ގެނުވާފައެވެ. އެންމެން ވަނީ ނަފްސާނީ ވެފައެވެ.

ރައްޓެސަކު ބުނީ މިހާރު ފިހާރައަކުން އޭގެ އެއްޗެއް ފެނުނަސް އެންބުރުން އަރާ ކަމަށެވެ. އަދި ކުރިން ކެވިފައިވާ ތަކެތީގައިވެސް ބުލާމަސް އަޅާފައި ހުރެދާނެ ކަމުގެ ނުތަނަވަސްކަން ވަރަށް ބޮޑު ކަމަށެވެ

ސައުވީސް ގަޑިއިރު ޚިދުމަތްދޭ ފިހާރައެއްގެ ސޭޓު ބުނީ މި ދެދުވަސްތެރޭގައިވެސް އެފަދަ ތަކެތީގެ ޑިމާންޑަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމަށެވެ. ކުރިން ބަރާބަރަށް ގަންނަމުންދިޔަ މީހުން މިހާރު އެއްޗެހި ގަތުން ހުއްޓާލައިފި ކަމަށެވެ.

"ވަރަށް ބޮޑަށް އެނގުންވެއްޖެ މިހާރު. ސަބްމެރިންއާ ސޭންޑްވިޗް ކީއްކުރަން ޕެކެޓް ކޮށްފައި ހުންނަ ކުދި ގުޅަ ގަންނަންވެސް މީހުން މިހާރު ޖެހިލުންވޭ" އޭނާ ބުންޏެވެ.

ކޮންމެއަކަސް ބުޅާމަހުން ތައްޔާރުކުރާ ކާބޯތަކެއްޗާހަމައިން މާލޭގެ ރައްޔިތުން މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަފްސާނީ ވެފައެވެ. މިއީ ވަރުގަދަ ހަނދާން ކޮށްދިނުމެކެވެ. އިންތިހާއަށް ސަމާލުވާން ޖެއްސުވި ކަމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އަމިއްލަ އަށް ބަދަލުކުރަން މަޖްބޫރު ވެއްޖެ ކަމުގެ ސިގްނަލެކެވެ. ބިދޭސީންނާމެދު އިތުރަށް ހޭލުމަށާއި ސަރުކާރުތަކުން މިހާރަށްވުރެ ބޮޑަށް އިހުމާލުތަކުން އެއްކިބާވާން ޖެހިއްޖެކަން އަންގައިދިން އިންޒާރެކެވެ. ފެތުރެމުންދާ ގޮތްނޭނގޭ ބަލިތަކާއި އެފަދަ ބަިތަކާއި ރޯގާތައް ފެތުރުން އަވަސްކަން ބަލައިގަނެ ފިޔަވަޅުތައް ވަރުގަދަކުރަން މިވަނީ މަޖްބޫރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް