އާދީއްތަ ދުވަހު ހަވީރު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް، ފުލުސް ކޯޕްރަލް ސުމެއިދު މުހައްމަދު ގެއްލުނު މައްސަލައިގެ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އައްޑޫގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ބުދަ ދުވަހު ވިދާޅުވީ ސ. ހިތަދޫ އާބިން, އުމުރުން 27 އަހަރުގެ ސުމެއިދު، ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ސަލާމަތްވި ދެ މީހުންގެ ތެރެއިން ފޭދޫ އިބްރާހީމް ނާއިފްއާ ސުވާލުކޮށް، އޭނާގެ ބަޔާން މިހާރު ވަނީ ނަގާފައެވެ.
ނަމަވެސް އެ ތަހުގީގާ ބެހޭ އެއްވެސް ތަފުސީލެއް ފުލުން އަދިއެއް ނުދެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވަނީ ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރަމުން އަންނަކަމަށާއި ތަހުގީގު ކުރިއަށް ދާތީ މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ދެވޭކަށް ނެތް ކަމަށެވެ.
ސުމެއިދާއި ނާއިފްއާއެކު ދެން މަހަށް ދިޔައީ ފޭދޫ ފަހާގޭ ހުސައިން ސައީދު އެވެ.
މަހަށް ދިޔަ ސ. ފޭދޫ ފަހާގޭ ހުސައިން ސައީދު ބައެއް މީޑިޔާތަކަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން މަހަށް ދިޔަ 17 ފޫޓްގެ ޑިންގީ ބަންޑުން ޖަހާލީ، އެއަށް ނެގި ބޮޑު ރާޅަކާ އެކުގަ އެވެ.
މި ހާދިސާއާ ގުޅިގެން ސައީދާއި ނާއިފް ވަނީ އެ މީހުން މަސް ބާނަން ތިބި ސަރަހައްދާ ދިމާލުގައި އޮތް ފަޅު ރަށަކަށް އަރައިފަ އެވެ. އަދި ފަހުން އެ މީހުން ވަނީ ފަތާފައި ގޮސް ކައިރީގައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަށް އަރައިފަ އެވެ.
"ބަންޑުން ޖަހާލި" ޑިންގީ ފަޅު ރަށުން ފެނުނު އިރު، އޭގެ ތެރެއިން ޑިންގީގައި ހުރި ގިނަ ސާމާނުތައް ހުއްޓެވެ.
އެހެންވެ ސުމައިދުގެ އާއިލާ އިން ވަނީ ޑިންގީ ބަންޑުން ޖަހާލި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވެސް ބުނަނީ ޑިންގީ ބަންޑުން ޖަހާލިކަން ކަށަވަރު ނުވާ ކަމަށެވެ.