ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން އެދެމުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލުވާނެ ދުވަހަކަށް ކަމަށްވާއިރު ވަރަށް އަވަހަށް ރައްޔިތުންނަން އުފާވެރި ހަބަރު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިހާރު ހަދާފައިވާ ނުރަނގަޅު ގާނޫނުތަށް ބަދަލުކޮށް، ރައްޔިތުންގެ ޙައްގުތަށް ކަށަވަރު ކުރެވޭނެ ކަމަށެވެ. މިއަދު ސިޔާސީ މައިދާނުގައި ކަންހިނގާ ގޮތަށް ފުންކޮށް ވިސްނާލައިފިނަމަ ވަރަށް އަވަހަށް އުފާވެރި ހަބަރުތަށް ލިބިގެންދާނެ ކަމުގެ އަލިމަގު ފެންނަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަން ލިބެންޖެހޭ އަސާސީ ހައްގުތަށް ރައްޔިތުންނަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ތަނެއްގައި ޑިމޮކްރަސީއެއް ނޯންނާނެ ކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެރިކަން ކުރި ނަމަވެސް ސަރުކާރު ޒިންމާދާކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީއެއް އޮންނަން ޖެހޭނެ ކަމަށެވެ. އަސްލަމް އިތުރަށް މިއަދު މި ފެންނަނީ އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅައި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމުން ފެނިގެންދާ ނަތީޖާ ކަމަށެވެ،
އެހެންކަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ގައުމީ ރޫހެއްގައި ކުރިއަށް ގެންގޮސް ކާމިޔާބު ވާނެ ކަމަށެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނަތީޖާއަށް އިޝާރަތްކުރައްވާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހިންގާ އުސޫލުތަކަށް ރައްޔިތުން ނޫނަކޭ ބުނިކަން އިންތިހާބުގެ ނަތީޖާއިން ހާމަވާ ކަމަށެވެ.