Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 21:24
ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަން
ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަން
ޓްވިޓަރ
އިންސާނީ ހައްގުތައް
ރާއްޖޭގެ ޖުޑީޝަރީ އާއި މުއައްސަސާތައް މިނިވަން ކުރުމަށް 30 ޤައުމަކުން ގޮވާލައިފި
އދ އެކިއެކި އޮފިޝަލުން ރާއްޖެއަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ގޮވާލި
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދަނީ ޤާނޫނު ތަކާއި ޚިލާފަށް ހަނިކުރަމުން
ހުރިހާ ސިޔާސީ ލީޑަރުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވެވޭނެ މާހައުލެއް މުހިއްމު

ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަން ކުރުމަށް 30 ޤައުމަކުން ރާއްޖެއަށް ގޮވާލައިފިއެވެ.

ޖެނީވާގައި މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަންގައި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން 30 ގައުމެއް އެކުގައި އިއްވި ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތައް މިނިވަންކޮށް، އެ މުއައްސަސާތަކަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް އެ މުއައްސަތަކާއި މަތިކޮށްފައިވާ ޒިންމާދާރު ގޮތުގައި ފާރަވެރިވާން ޖެހޭ ފަރާތްތަކަށް ފާރަވެރި ވެވޭނެ ބަޔަކަށް ހެދުމަށް ގޮވާލާކަމަށެވެ.

ބާރުވެރި އިދިކޮޅު ސިޔާސީ ހަރަކާތަކީ ދުޅަހެޔޮ ޑިމޮކްރަސީއެއްގެ މުހިއްމު އަސާސެއްކަން ފާހަގަކޮށް، ޤައުމުތަކުން ވަނީ، ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި ހަމަ އެއާއިއެކު އިދިކޮޅު ހަރަކާތް ހިންގުމާއި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ، ތަފާތު ސިޔާސީ ފިކުރު ފާޅުކުރެވޭނެ މާހައުލެއް އޮތުމުގެ މުހިއްމުކަން އެ ޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ފުރިހަމައަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ކަމަށާ، ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާއި ޚިލާފަށް އެ ޙައްޤުތައް ހަނިކުރެވެމުންދާކަން އެ ޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރާއްޖެއަށް ވަޑައިގަތުމަށް އެވަޑައިގެންފައިވާ އދ އެކިއެކި އޮފިޝަލުން ރާއްޖެއަށް ވަޑައިގަތުމުގެ ހުއްދަ ރާއްޖެއިން ދޭނެ ކަމަށް އުއްމީދު ކުރާކަންވެސް ޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.

މަރާލާފައިވާ ބްލޮގަރ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުރިހަމަ ތަޙުޤީޤެއްކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާތީ، އެކަމަށް މަރުޙަބާކިޔައި، ޤައުމުތަކުން ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލްވާންވެސް އަދިވެސް ފެނިފައި ނުވާކަން ފާހަގަކޮށްފައެވެ. އެ ޤައުމުތަކުން ބުނީ، ދީނީ ހަރުކަށި، ހައްދުފަހަނައަޅާފައިވާ ފިކުރުގެ ފަރާތްތަކާއި އެހެންވެސް ފަރާތްތައް ހިމެނޭ ގޮތަށް، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތައް ބިރުދެއްކުން ހުއްޓުވުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ޤައުމުތަކުން ބުނެފައިވަނީ، ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ރަނގަޅު ކުރުމަށް، އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށާ، ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެހީވުމަށް އެ ޤައުމުތަކުން ތައްޔާރަށް ތިބި ކަމަށެވެ.

ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތާއި މެދު ކަންބޮޑުވުން ފާލުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، އޮސްޓްރިއާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކެނެޑާ، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ސައިޕްރަސް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖޯޖިއާ، ޖަރމަނީ، ގްރީސް، އައިސްލޭންޑް، އަޔަލޭންޑް، އިސްރާއީލް، ލެޓްވިއާ، ލިޗްޓެންސްޓެއިން، ލިތުއޭނިއާ، ލަގްޒަމްބަރގް، މާލްޓާ، ދި ނެދަރލޭންޑްސް، ނިއު ޒިލޭންޑް، ޕޮލެންޑް، ސްލޮވާކިއާ، ސްލޮވޭނިއާ، ސްވިޑެން، ސްވިޒަރލޭންޑް، އަދި ޔޫކްރެއިން އާއި އިނގެރޭސިވިލާތުގެ އިތުރުން އެމެރިކާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް