Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 19:50
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދަނީ
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރަމުންދަނީ
ޓްވިޓަރ
ބްރިޖް
މި ރޯދަ މަސް ނިމުމުގެ ކުރިން މަޖިލިސް މެމްބަރުނަށް ބްރިޖް ދައްކާލުމަށް ނިހާނު އެދިވަޑައިގަންނަވައިފި
މި ރޯދަ މަސް ނިމުމުގެ ކުރިން މަޖިލީހުގެ 85 މެމްބަރުންނަށް ބްރިޖަށް ޒިޔާރަތް ކޮށްލުމެއް ބޭނުންވާ ކަމަށް ނިހާނު ވިދާޅުވި
ނިހާނު ވިދާޅުވީ އޭރުން ބްރިޖްގެ ތަނބުތައް މައްޗަށް އަރާތަން މެމްބަރުންނަށް ފެންނާނެ ކަމަށް
ޝިޔާމު ވިދާޅުވީ ބްރިޖްގައި ހިނގާލެވޭނެ ދުވަހެއް ވިދާޅުވެ ދެއްވުން އެދޭ ކަމަށް

މި ރަމަޟާން މަސް ނިމުމުގެ ކުރިން "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ބަލާލުމަށް އެމައްސައްކަތްކުރާ ޕްލެޓް ފޯމަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ދައުވަތު ދެއްވަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އެދިވަޑައިގަންނަވައިފި އެވެ.

ނިހާނު އެގޮތަށް އެދިވަޑައިގަންނަވާފައި ވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކުރެއްވުމަށް ހިރިލަންދޫ ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މަޖިލީހަށް ހުށަހަޅުއްވާފައިވާ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުންނެވެ.

ބްރިޖްގެ މަސައްކަތްތައް ދިވެހި ސަރުކާރުގެ ފަރާތުން ބައްލަވަމުން ގެންދަވާ އަދި ބްރިޖް މަސައްކަތުގެ ކޮންމެ ޑިވެލޮޕްމަންޓެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން ގެންދަވާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރައްވަމުން ނިހާނު ވިދާޅުވީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްަބަރުންނަށް ދައުވަތު ދެއްވައިގެން ބްރިޖަށް ޒިޔާރަތްކޮށްލުމެއް ހަމަޖައްސާދެއްވުން އެދޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންވަނާ 85 މެމްބަރުންނަށް ދައުވަތު ދެއްވައިގެން މާލެއާއި ހުޅުމާލެއާ ދެމެދުގައި އޮންނަ ބްރިޖަށް ޒިޔާރާތްކޮށްލުމެއް ބޭއްވެން އެބައޮތްތޯ، ރޯދަ މަސް ނިމުމުގެ ކުރިންނަމަވެސް. ހިނގަމުންދާ މިންވަރުބަލާލަންވެގެން. މެމްބަރުންނަށް ފެނިއްޖެއްޔާ، އެނގޭނެތާ ތަނބުތަކާއެއްޗެހި އަރަމުންދާ މިންވަރު،" ނިހާނު ވިދާޅުވި އެވެ.

ނިހާނުގެ އެސުވާލަކީ މިއަދުގެ މައުލޫއާ ނުގުޅޭ ސުވާލެއް ކަމަށް ވިދާޅުވެ މިނިސްޓަރު މުއިއްޒު ޖަވާބު ދެއްވާފައެއް ނުވެއެވެ.

މީގެ އިތުރުން މުއިއްޒާ ސުވާލު ކުރައްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވީ ކިނބިދޫ ދާއިރާގެ މައްސަލައަކީ ވެސް ރައްޔިތުންނާ ގުޅުންހުރި މައްސަލައެއް ކަމަށާއި ނައިފަރުގެ ބަނދަރާއި ނައިފަރުގައި އަޅާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމޭނެ ދުވަހެއްގެ އިތުރުން ބްރިޖް މަތީގައި ހިނގާލެވޭނެ ދުވަހެއް ވިދާޅުވެދެއްވުން އެދޭ ކަމަށެވެ.

ޝިޔާމުގެ އެސުވާލަކީ ވެސް މައުލޫއާ ގުޅޭ ސުވާލެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ބްރިޖްމަތީ ހިނގާލެވޭނެ ދުވަހެއް ވެސް މުއިއްޒު ވިދާޅެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް