ފޮނި އެއްޗެހި ކާން ބޭނުންވާ މީހުންނަށް މި ރެސިޕީ ކަމުދާނެއެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ރެސިޕީއަކަށްވާއިރު، ދިވެހިންގެ މެދުގައި ވެސް މަގުބޫލު ކާއެއްޗެކެވެ.
ބޭނުންވާ ތަކެތި
- 1 ދަޅު ގެރިކިރު
- 4 ބިސް
- ¾ ފުށް
- ½1 ސަމްސާ ބޭކިން ޕައުޑަރ
- ½ ކަޕް ސޮފްޓް ބަޓަރ ( ބޯކިބާއަށް)
- 1 ސަމްސާ ސޮފްޓް ބަޓަރ ( ޓްރޭގައި ހާކާލުމަށް )
- 1 ސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ބަޓަރު، ބިސް އަދި ގެރިކިރު ތަށްޓަކަށް އެޅުމަށްފަހު ގިރާލާށެވެ. އެއަށްފަހު ބޯތައްޓެއްގައި ފުށް އަދި ބޭކިންގ ޕައުޑަރ 4-3 ވަރަކަށް މިނެޓަށް ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ. ހޭންޑް މިކްސްޗަރ ނުވަތަ އިލެކްޓްރިކް މިކްސްޗަރއެއް ބޭނުންކޮށްލެވިދާނެވެ. ގިރާ ނިމުމުން ބޭނުންވާ ސައިޒެއްގެ ބޭކިންގ ޓްރޭ އެއްގައި ބަޓަރުކޮޅެއް ހާކާލުމަށްފަހު އަޅާލާށެވެ.
އަވަނަށް ޓްރޭ ލުމުގެ 10 ވަރަކަށް މިނެޓު ކުރިން 180 ޑިގްރީއަށް އަވަން ޖެއްސުމަށްފަހު އަވަންތެރެ ކުޑަކޮށް ހޫނުކޮށްލާށެވެ. އެއަށްފަހު ބޯކިބާ ފިހުމަށް 30 މިނެޓަށް އަވަން ޖެއްސުމަށްފަހު ޓްރޭ އަވަނަށްލާށެވެ. 30 މިނިޓް ހަމަވުމުން ޓޫތްޕިކް އަކުން ކޭކް ފިހެވިފަތޯ ޗެކްކޮށްލާށެވެ. ނުފިހޭނަމަ އިތުރަށް 10 މިނިޓް ބަހައްޓައިގެން ފިހެލާށެވެ. ބޯކިބާ ފިހެވުމުން ކުޑަކޮށް ހިހޫވަންދެން ބަހައްޓާލާށެވެ. މިހާރު މިހިރީ ގެރިކިރު ބޯކިބާ ތައްޔާރުކޮށް ނިމިފައެވެ.