ދިވެހިސަރުކާރުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވައްކަމާއި ޚިޔާނާތާ ޖަރީމާތަކެއްގެ މައްޗަށް ގަތަރުގެ އަލް ޖަޒީރާ ޗެނަލުން ތައްޔާރުކުރި އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީ "ސްޓީލިން ޕެރެޑައިސް"އަށް ބައިނަލް އަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.
އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ "ވަން ވާރލްޑް މީޑިއާ"ގެ 2017 ވަނަ އަހަރުގެ ކޮރަޕްޝަން ރިޕޯޓިންގ އެވޯޑު އެ ފިލްމަށް ލިބުނީ ލަންޑަނުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ވަން ވާރލްޑް މީޑިއާއަކީ މިނިވަން ނޫސްވެރިކަން ޕްރޮމޯޓުކޮށް ނޫސްވެރިކަމުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއެކެވެ.
15 ދާއިރާއަކުން 45 ފަރާތަކަށް އެވޯޑު ދީފައިވާ މި ހަފްލާގައި އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިސްގެ އިތުރުން އެ ކެޓަގަރީން އިތުރު ދެ ރިޕޯޓަކަށް ވެސް އެވޯޑު ދީފައިވެއެވެ.
އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ރިޕޯޓަރު ވިލްޖޯޑަން އިސްކޮށް މަސައްކަތްކޮށް އުފައްދާފައިވާ މި ޑޮކިއުމެންޓްރީއަށް ލިބުނު އެވޯޑް އޭނާ ޚާއްސަކޮށްފައި ވަނީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށާއި މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު އަދި ދިވެހި ރައްޔިތުންނަށެވެ.
މިފިލްމް ވަނީ އިނގިރޭސިވިލާތުގެ ފޮރިން ޕްރެސް އެސޯސިއޭޝަނުން ދޭ "2016 އެފްޕީއޭ މީޑިއާ އެވޯޑްސް"އަށް ވެސް ޝޯޓު ލިސްޓު ވެފައެވެ
ފަނަރަ ދާއިރާއަކުން އެ ޖަމިއްޔާއިން ދަނީ އެވޯޑު ދެމުންނެވެ. އެ އެވޯޑުތައް ދެމުން ދަނީ ބައިނަލްއަގުވާމީ އެކި ފަރާތްތަކާއި ގުޅިގެންނެވެ.
އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްއަށް ލިބުނު ކޮރަޕްޝަން ރިޕޯޓިން އެވޯޑު ސްޕޮންސަކޮށްފައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިންނެވެ.
ސްޓީލިންގ ޕެރަޑައިސް އަށް އިންޓަވިއު ދީފައިވާ އެއް ފަރާތް ކަމަށްވާ މިނިވަން ޑެއިލީގެ ކުރީގެ އެޑިޓަރ ޒަހީނާ ރަޝީދު ވަނީ އެ ފިލްމް ލޯންޗް ކުރުމަށްފަހު ލިބެން ފެށި އިންޒާރުތަކާ އެކު ރާއްޖެ ދޫކޮށް ގޮސްފައެވެ.