ރުއްގަސް ކަނޑާ އެއްތަނުން އަނެއްތަނުން ގެންދެވޭނީ ސަރުކާރުން ހުއްދަ ދޫކުރާ ފަރާތްތަކަކަށް ކަމަށް ކަނޑައަޅައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ރުއްގަސް ކަނޑައި ކޮނެގެން އުފުރައި އަދި ކޮނެގެން ނަގައިގެން އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލުގައި ބުނެފައިވާ ގޮތުގައި އެކަމަށް ހުއްދަ ދޫކުރުމުގައި، ކުރަން ހުށަހަޅާ މަސައްކަތަކީ ދަނޑުވެރިކަން ނުވަތަ އިޖްތިމާއީ މަރުކަޒެއް އެޅުން ނުވަތަ އެނޫންވެސް ކަމަކަށްޓަކައި ބިންސާފްކުރަން ބޭނުން ވުމުގެ އިތުރުން އެމަސައްކަތަކީ އެމަސައްކަތެއް ކުރުމަށް ބޭނުންވާ ފައިސާ ލިބިފައިވުމާއި އެމަސައްކަތް ކުރުމަށްޓަކއި ބޭނުންވާ ހުއްދަ ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ލިޔުމުން ދީފައިވާ މަސައްކަތަކަށް ވާންވާނެ ކަމަށެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި މީހުން ދިރިއުޅޭ ރަށެއްގައި ދަނޑުވެރިކަން ކުރުމާއި އިޖުތިމާއީ މަރުކަޒުތައް އެޅުން ނުވަތަ މިނޫންވެސް ކަންކަމަށް ބިން ސާފުކުރުމަށް ބޭނުންވާނަމަ އެސަރަހައްދެއަގއި ހުރި ރުއްގަހުގެ ބާވަތާއި އަދަދާއި ރުއްގަސް ހުރި ސަރަހައްދު އެނގޭނެ ޗާޓަކާއި ރުއްގަހުގެ ބޮޑުމިން އަދި ހިމާޔަތްކޮށްފައިވާ ރުއްގަހެއް ވާނަމަ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހަޅަން ޖެހެއެވެ.
މި އުސޫލުގެ ދަށުން އެއްވެސް ބަޔަކު އިސްތިސްނާ ނުވާނެ ކަމަށާއި އުސޫލާ ޚިލާފްވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އެކަމަކު ކުރާނެ ޖޫރިމަނާގެ އަދަދު ބުނެފައެއް ނުވެއެވެ.
މިއުސޫލު ތަންފީޒް ކުރާ ފަރާތަކީ އުސޫލުގައިވާގޮތުން އީޕީއޭއެވެ.