ޖަލު ހުކުމުން މިނިވަން ވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ސިޔާސީ އެކި ހަރަކާތްތައް ހިންގަވާ، ކެމްޕެއިން ކުރެއްވުމަށް އެކި ރަށްރަށަށް ވެސް ދަތުރުފުޅުތައް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުޅާކޮށް ހިންގަވާ އެއް ހަރަކާތަކީ "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތެވެ. މި ހަރަކާތް އެކި ރަށްތަކުގައި ވެސް ހިންގަވަމުންގެންދަވާ އިރު އެމަނިކުފާނު ތަކުރާރުކޮށް ގޮވާލައްވަމުން ގެންދަވަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭއިން ބޭރުވުމަށެވެ.
އެމަނިކުފާނުގެ މި ހަރަކާތުގެ ވާހަކަ ބޭރުގެ ނޫހެއް ކަމަށްވާ ރޮއިޓާސްގައި ވެސް ވަނީ ޖަހާފައެވެ. ރައީސް ޔާމީން ވަނީ ރޮއިޓާސްއަށް އިންޓަވިއުއެއް ދެއްވާފައެވެ. އެ ރިޕޯޓަރުންގެ ސަމާލުކަމަށް އައީ ރައީސް ޔާމީންގެ ކަނާއަތްޕުޅުގައި އޮތް ޑައިމަންޑް ޖެހި ގަޑިއެވެ.
"ދައުވާތަކަކީ ދޮގެއް، ޑައިމަންޑް ޖެހި އަތުކުރީ ގަޑި އަޅުއްވައިގެން އިންނަވާ ރައީސް ޔާމީން ވިދާޅުވިއެވެ" މިފަދައިން އެ ނޫހުގައި ވަނީ ޖަހާފައެވެ. މިއީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާއި ގުޅިގެން ސުވާލުކުރުމުން އެމަނިކުފާނު ދެއްވި ޖަވާބެވެ. ރައީސް ޔާމީން ދައުވާތައް ދޮގު ކުރެއްވިއިރު އެ ރިޕޯޓަރުންގެ ސަމާލުކަމަށް އައީ ރައީސް ޔާމީންގެ އަތުކުރީގައި އަޅުއްވާފައިވާ "ޑައިމަންޑް ޖެހި" ގަޑިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަންގަވައި ލޯންޑަރ ކުރައްވާފައިވާތީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ވެސް ކޮށްފައެވެ. އަދި އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކުރައްވައި ރިޝްވަތު ނެންގެވި މައްސަލައިގައި ވެސް ދެ ދައުވާއެއް ވަނީ ކޮށްފައެވެ.
ރައީސް ޔާމީން ވަނީ ރޮއިޓާސްއަށް ދެއްވި އިންޓަވިއުގައި ވެސް މިއަހަރު ނިމުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް "ބޭރުގެ ބާރަކުން" ތިބެން ބޭނުންފުޅުނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ވަނީ ޗައިނާއިން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ފައިސާ ދޭގޮތަށް ޔޫރަޕްގެ ޤައުމުތަކުންނާއި އެމެރިކާއިން ފައިސާ ނުދޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ "ރޮއިޓާސް" އަށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިންނަކީ "ލިމިޓެޑް އަދަދެއް" ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ސާޗް އެންޑް ރެސްކިއު އަދި ސަވެއިލަންސްގައި ބޭނުން ކުރާ ތިން އުޅަނދެއް ބަލަހައްޓަން ތިބި ސިފައިންނާއި ސިފައިންގެ ހޮސްޕިޓަލްގައި ތިބި މެޑިކަލް ޓީމް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިކަމަށް ރޮއިޓާސް ބުނެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ރޮއިޓާސް އަށް މައުލޫމާތު ދެމުން ވަނީ ރައީސް ޔާމީންގެ ވާހަކަފުޅުތައް ދޮގު ކޮށްފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއިއެކު އޮތީ ޒަމާންވީ ރަހުމަތްތެރި ގުޅުމެއް ކަމަށެވެ.
ރައީސް ޔާމީން ބޭރުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި އެމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އެމަނިކުފާނު "އިންޑިއާ އައުޓް" ޓީޝާޓް ތުރުކުރައްވައިގެން ކެމްޕޭންގައި ބައިވެރިވެވަޑައިގެންނެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަޒާމުވެފައެވެ. އަދި ކުރީގެ ރައީސަކަށް ހުންނެވި ބޭފުޅަކު ދޭދޭ ޤައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓަވަމުން ގެންދަވާތީ އެކަމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އިންޑިއާ އައުޓް ކެމްޕެއިނަކީ ކުރީގެ ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިނެއް ކަމަށް ޕޮލިސީ ރިސާރޗް ގްރޫޕުން ވަނީ ދާދި ފަހުން ބުނެފައެވެ.
ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑިކޮލު، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް އައިސްފައިވާއިރު ހިތުގައި އުފެދޭ ސުވާލަކީ ރައީސް ޔާމީން އަޅުއްވަނީ އެފަދަ އަގުބޮޑު އެންމެ ގަޑިކޮޅެއް ނޫންކަން ރޮއިޓަރސްގެ ރިޕޯޓަރުން ނަށް އެނގޭ ބާވައެވެ؟
ދެން އޮތް ބޮޑުސުވާލަކީ ރައީސް ޔާމީނަށް މިހާތަނަށް ލިބިވަޑައިގެންނެވި ފައިސާ އަކީ ހަލާލު ފައިސާތޯ ޚުދު އެމަނިކުފާނު ބެއްލެވިތޯއެވެ؟