Advertisement
ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 20:44
ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސައިން މުހައްމަދު
ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސައިން މުހައްމަދު
ގޫގުލް
ކުއްލި މައްސަލަ
ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ކުއްލި މައްސަލަ ހުށަހެޅި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު
ގުޅުން ކަނޑަލުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ކަމަށް ހުސައިން ވިދާޅުވި
ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 33 އަހަރު ވަނީ ފާއިތުވެފަ

އަރަބި މުސްލިމު ގައުމެއް ކަމަށްވާ ގަތަރާއެކު ބާއްވަމުންއައި ސިޔާސީ ގުޅުން ކަނޑަލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ގަތަރަކީ އަރަބި އިސްލާމީ ގައުމަކަށްވެފައި، އެގައުމަކީ ކުރީއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ އެކުވެރި ގައުމަކަށްވާއިރު، ދިވެހި ސަރުކާރުން ގަތަރާއެކު އޮތް ގުޅުން ކަނޑާލުމަކީ ރާއްޖެއަށް އެކަމުން ނުހަނު ގެއްލުންވާނެ ކަމެއް ކަމަށް ފެންނާތީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް މިމައްސަލަ ގެންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ހުސައިން މުހައްމަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި އިތުރަށް ބުނެފައި ވަނީ ގަތަރަކީ ރާއްޖޭގެ ތަރައްގީގެ އެކި ރޮނގުރޮނގުން ދީލަތި އެހީ ދެމުންދިޔަ ގައުމެއް ކަމަށެވެ.

މީގެ އިތުރުން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް މައްސަލައެއް ނުވަތަ ދެބަސްވުމެއް ކުރިމަތިވެފައި ނުވާއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ އިސްތިގްލާލާއި މިނިވަންކަން ރައްކާތެރި ކުރުމާ އެކު ރާއްޖެ އާއި އެކުވެރިކަން އުފައްދަން ބޭނުންވާ ގައުމުތަކާ އެކު ޑިޕްލޮމެޓިކް ގުޅުން އުފެއްދުން ކަމަށްވާއިރު، ރާއްޖެ އާއި އެކުވެރި މުސްލިމު ގައުމެެއް ކަމަށްވާ ގަތަރާއެކު ބާއްވަމުންއައި ޑިޕްލޮމެޓިކް ގުޅުން ކުއްލިއަކަށް ކަނޑާލުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުވެ، ރާއްޖޭގެ މަސްލަހަތައް ގެއްލުންވާނެ ކަމެއް ކަމަށް ފެންނާތީ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

ރާއްޖެ އާއި ގަތަރާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފައިވާތާ 33 އަހަރު ވެއްޖެއެވެ. ގަތަރާއި ގުޅުން ކަނޑާލުމަށް ކުއްލިއަކަށް ސަރުކާރުން ނިންމާފައިވާއިރު، ގަތަރަށް ނިސްބަތްވާ ބޮޑެތި އިސްވެސްޓްމަންޓްތައް ރާއްޖޭގައި ހިންގަމުންދާއިރު، ރާއްޖޭގައި ފުޅާދާއިރާއެއްގައި މޯބައިލްގެ ފޯނުގެ ހިދްމަތާއި އިންޓަރނެޓްގެ ހިދްމަތް ދެމުންދާ އުރީދޫއަކީ ގަތަރު ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް